ސިޔާސީ

ސަޢުދީ ޢަރަބިއްޔާއަށާއި ޗައިނާއަށް ސަފީރުން ޢައްޔަންކުރައްވައިފި


ސަޢުދިޢަރަބިއްޔާއަށާއި، ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަންކުރައްވައިފިއެވެ. އެގޮތުން ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަންކުރައްވާފައިވަނީ، މާފަންނު ބީނާފުށި ޢާއިޝަތު އަޒީމާއެވެ. އަދި ސަޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަންކުރައްވާފައިވަނީ ގަލޮޅު އުތުރުގެއާގެ މުޙައްމަދު ޚަލީލެވެ.

މި ދެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޗައިނާގައި ހުންނަ ރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވި ޢާއިޝަތު އަޒީމާއަކީ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމާއި ޖޮއިންޓް ސެކްރެޓަރީގެ މަޤާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. ޢާއިޝަތު ޢަޒީމާ ވަނީ 1988 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ވުޒާރާތަކުގެ އެކި ފަންތީގެ މަޤާމުތައް ފުރުއްވައި، ރާއްޖެއާއި ބޭރުގެ ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަ ކުރައްވައިފައެވެ.

ސަޢުދިޢަރަބިއްޔާގައި ހުންނަވާ ސަފީރުކަމަށް ޢައްޔަންކުރެއްވި މުޙައްމަދު ޚަލީލަކީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ މަޤާމާއި އެކްޓިން ހައިކޮމިޝަނަރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު ޚަލީލް ވަނީ 1983 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކިފަންތީގެ މަޤާމުތައް ފުރުއްވާފައެވެ. މީގެއިތުރުން މުޙައްމަދު ޚަލީލު ވަނީ އިންޑިޔާގެ ޖަވާހަރްލާލް ނެހުރޫ ޔުނިވަރސިޓީއިން އެންވަޔަރަމަންޓަލް ލޯ އެންޑް ޕޮލިސީގެ ދާއިރާއިން ޑިޕްލޮމާ ހާސިލު ކުރައްވާފައެވެ.