ވިޔަފާރި

ޕާޓްނަރޝިޕް ފޯރަމުގައި ދުނިޔޭގެ 35 ޤައުމަކުން 130 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ


މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް 2019 ގައި ދުނިޔޭގެ 35 ޤައުމަކުން 130 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް 2019 ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ. މި ފޯރަމަށް ވަމުންދާ އެންމެފަހުގެ ތައްޔާރީތަކާގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، މިފަދަ ފޯރަމެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ދިވެހިރާއްޖެއަކީ ފޮރިން އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ ޤައުމެއްކަން ބޭރުގެ ފަރާތްތަކަށް އަންގައިދިނުންކަމަށެވެ. އަދި މި ފޯރަމްގެ ތެރެއިން ދޭދޭ ޤައުމުތަކާއި، ރާއްޖޭގެ ތަރައްޤީގެ މައި ޕާޓްނަރުންނާއެކު ދެމެހެއްޓެނެވިގޮތެއްގައި ގުޅުން ޤާއިމުވެގެންދިއުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، މާދަމާ ފަށާ ޕާޓްނަރޝިޕް ފޯރަމްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 35 ޤައުމަކުންނާއި، ބޭރުގެ 27 އަށްވުރެ ގިނަ ޖަމިއްޔާ ހިމެނޭހެން 130 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށެވެ. އޭގެ ތެރޭގައި ޖަޕާނުގެ ބޮޑުވަޒީރުގެ ޙާއްސަ މުޝީރާއި، އދ. އެސިސްޓެންޓް ސެކްރެޓްރީ ޖެނެރަލާއި، ސާރބިއާގެ މިނިސްޓަރ އޮފް ލޭބަރ އަދި ޔޫ.އޭ.އީގެ އެސިސްޓެންޓް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މިއީ ވަރަށްވެސް އުއްމީދީ ފޯރަމެއްގެ ގޮތުގައި ސިފަކުރައްވާ ފޮރިން މިނިސްޓަރ ވިދާޅުވީ، މި ފޯރަމްގެ ތެރެއިން ރާއްޖޭގެ ތަރައްޤީއާއި ގުޅުންހުރި މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޕާޓްނަރޝިޕް ފޯރަމްގެ ތެރޭން ކުރިއަށްއޮތް 5 އަހަރަށް ސަރުކާރުން އެކުލަވާލާ ތަރައްޤީގެ ޕްލޭން ބައިވެރިންނާއި ހިއްސާކުރާނެކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ހުޅުވިފައިވާ ޤައުމެއްކަން ބޭރު ދުނިޔެއަށް އަންގައިދީ، އިންވެސްޓަރުންނަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާގުޅޭ މަޢުލޫމާތު ހިއްސާކުރާނެކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމުގައި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާއާއި، ޤައުމީ ތަރައްޤީގެ ޕްލޭނާއި ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުން މަޢުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ފޯރަމަށް ކަނޑައަޅާފައިވާ މައިގަނޑު ޝިޢާރަކީ "ދެމެހެއްޓެނިވި އަދި ފުދުންތެރި ރާއްޖެއަށް ބިނާކުރުމުގައި ބައިވެރިވުން" މި ޝިއާރެވެ.