ވިޔަފާރި

ރާޅުގުޑި ކައިޓް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި


މިއަހަރުގެ ރާޅުގުޑި ކައިޓް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ މިއީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމުގެ ތެރެއިން ޕާލޭ މޯލްޑިވްސްއާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ.

ރާޅުގުޑި ކައިޓް ފެސްޓިވަލްއަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި ތިމާވެށީގެ މައްސަލަތައް އާންމުންނާއި ހަމައަށް ގެނެސް މި މައްސަލަތަކަށް ޒުވާނުން ހޭލުންތެރިކުރުމަށް ކުޅިވަރާއެކު ކުރިއަށްގެންދާ ހަރަކާތެކެވެ. މިމަހުގެ 18 އިން ފެށިގެން 15 ދުވަހުގެ ނިޔަލަށް ދެމިގެންދާ މި ހަރަކާތް އައްޑޫއިން ފެށިގެން ހއ. ތުރާކުނާއި ހަމައަށް ކުރިއަށްދާނެއެވެ.

މި ހަރަކާތުގެ ތެރެއިން ރާއްޖެއިން އެއްކޮޅުން އަނެއްކޮޅަށް ގުޑި ދުއްވާލުމަށް ބައިވެރިވުމުގެ ފުރުސަތު ހުރިހާ އަތޮޅުތަކެއްގެ ޒުވާނުންނަށް ހުޅުވާލެވިފައިވާކަމަށް މި ހަރަކާތް އިންތިޒާމްކުރާ ސްލޯޓެޕްއިން ބުނެއެވެ.

13 ރަށެއްގައި އޯވަރނައިޓްކުރަން ހަމަޖެހިފައިވާއިރު އެކި ރަށްތަކާއި ފިނޮޅުތަކަށް ވެސް މިހަރަކާތުގެ ތެރެއިން ދަތުރުކުރާނެއެވެ. އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ވަރަށް މުހިއްމު ހަރަކާތެއްކަމަށް ސްޓޯލްޕްއިން ބުނެއެވެ.

ސްޓޯލްޕްއިން މި ހަރަކާތްކުރިއަށްގެންދާތާ މިއީ 4 ވަނަ އަހަރެވެ.