ޚަބަރު

އެމްބިއުލާންސްތައް ރާއްޖެ ގެނައުމާއެކު ނޭޝަނަލް އެމްބިއުލަންސްގެ ޚިދުމަތް ފެށޭނެ


ރާއްޖެއިން ބޭރުން ގެންނަ އެމްބިއުލާންސްތައް ލިބުމާއެކު ނޭޝަނަލް އެމްބިއުލާންސްގެ ޚިދުމަތް ފަށާނެކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ ނޭޝަނަލް އެމްބިއުލާންސްގެ ޚިދުމަތްތައް ފެށުމަށް ބޭނުންވާ ކޯލް ސެންޓަރާއި ޢިމާރާތުގެ މަސައްކަތްތަކާއި އެކަމަށް ބޭނުންވާ މުވައްޒަފުންގެ ޚިދުމަތްތައް މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި އެކި ގޮތްގޮތުން އެމްބިއުލަންސް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ދަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބަޖެޓު ކުރެވިގެންނާއި ބޭރުގެ ޤައުމުތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވާ އެމްބިއުލާންސްތައް ރާއްޖެ ގެނެވުމާއެކު ޚިދުމަތް ފަށައިގަނެވޭނެކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު އެމްބިއުލާންސް ބޭނުންވާ ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުންކަމަށާ މިމަސައްކަތުގެ ދަށުން މިހާރުވެސް 20 އެމްބިއުލާންސް ހޯދުމަށް ބީލަމަށް ލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބޭރުގެ ޤައުމުތަކުގެ އެހީގެ ގޮތުގައި 21 އެމްބިއުލާންސް ލިބޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެއްރަށުން އަނެއް ރަށަށް ކަނޑުމަގުން ބަލި މީހުން އުފުލުމަށް ބޭނުންވާ ސީއެމްބިއުލާންސްގެ ޚިދުމަތްދިނުމުގައި މިހާރު ބޭނުންކުރަނީ ވަރަށް ކުރީގެ ވަޞީލަތްތައްކަމަށެވެ. އަދި މިއީ ހަރުދަނާކުރަންޖެހޭ ވަރަށް މުހިއްމު އަދި ބޮޑު ދާއިރާއެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ މިވަގުތުން މިވަގުތަސްވެސް މަދުވެގެން 25 ސީއެމްބިއުލަންސް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ އެމްބިއުލަންސް ހޯދުމަށް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން މަސައްކަތްކުރަމުންދާ ސްޕީޑަކީ މިފަދަ ބޮޑުކަމެއް އެންމެ ރަނގަޅު ނިޒާމަކަށް ބަދަލުކޮށް ކުރިއަށްދެވޭނެ އެންމެ ރަނގަޅު ސްޕީޑުކަމަށެވެ.

އެންމެ ގޮންޖެހުން ބޮޑު އެއްދާއިރާއަށް ސިއްޙީދާއިރާ ވާއިރު މިދާއިރާ ހަރުދަނާކުރުމަށް ސަރުކާރުންގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްޤީއާއި ވަސީލަތްތަކުގެ އިތުރުން އެމްބިއުލާންސް ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން ވަނީ އެކި މަސައްކަތް ކުރަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ބަޖެޓު ހެދި އިރު އެމްބިއުލާންސް ހޯދަން ހިމަނާފައިނެއްނަމަވެސް ފަހުން ބަޖެޓަށް ގެނައި ބަދަލާއެކު އެމްބިއުލަންސް ހޯދުމަށް ކޮންމެވެސް ވަރެއްގެ ބަޖެޓެއް ހަމަޖެހިގެން ގޮސްފައިވާކަމަށެވެ. އަދި މި އެމްބިއުލާންސްތައް ލިބި މިމަހުގެ ތެރޭގައި ނޭޝަނަލް އެމްބިއުލާންސްގެ ޚިދުމަތް ފަށާނެކަމަށް މީގެ ކުރިން ހެލްތު މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.