މުނިފޫހިފިލުވުން

"ބަވަތި - ޖައިޝާ އަންގަނީ މިފަހަރު ސަލާމަތެއް ނެތްކަމަށް"


މިއަހަރަކީ ދިވެހި ފިލްމީ އިންޑަސްޓްރީއަށް ބިރުވެރި އަހަރެކޭވެސް ބުނެވިދާނެއެވެ. ފުލުފުލުގައި އޮލިމްޕަހުގައި ފިލްމުތައް އަޅުވަމުންދާއިރު، ގިނައީ ބިރުވެރި ނުވަތަ ސަސްޕެންސް ބޮޑު ފިލުމުތަކެވެ. ކުރިއަށް އެޅުވުމަށް ހުރި ފިލްމުތަކަށް ބަލާއިރުވެސް ގިނައީ މިފަދަ ފިލްމުތަކެވެ.

އެގޮތުން އަންނަ ސެޕްޓެމްބަރު މަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ "ބަވަތި" މި ފިލްމަކީވެސް މި ލިސްޓަށް އިތުރުވާ ފިލްމެކެވެ. މިއީ "އައި ފިލްމްސް"ގެ ފުރަތަމަ ފީޗަރ ފިލްމުކަމަށްވާއިރު، ފިލްމުގެ ވާހަކަ ލިޔެ، ޑައިރެކްޓްކޮށްފައިވަނީވެސް މި ދާއިރާއަށް އައު ފަރާތެއްކަމަށްވާ އިލްޔާސް ވަހީދެވެ. ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދަނީ ނުޒުހަތު ޝުއައިބާއި، ފިލްމީ ދާއިރާއަށް މުޅިން އަލަށް ތަޢާރަފުވާ އަޙްމަދު އިފްނާޒު ފިރާގެވެ.

ބަވަތިގެ 2 ޓީޒަރ ޓްރެއިލަރއެއް އާއްމުކޮށްފައިވާއިރު، ފިލްމުގައި ވަނީ ސީދާ ކީއްކަން ޓީޒަރތަކުން ބުނެދޭން ނޭނގުން ނަމަވެސް، ބެލުންތެރިންގެ ހިތްތަކުގައި ސުވާލުތަކެއް އުފެދި، ފިލްމަށްކުރެވޭ އިންތިޒާރު ވަނީ ބޮޑުވެފައެވެ.

"ބަވަތި" ފިލްމުގެ ޓީޒަރ ޓްރެއިލަރއެއް

ޕްރޮމޯޝަނަލް ލަވައިންވެސް އެތައް ވާހަކައެއް!

މި ފިލްމަށް އޮތް ސަމާލުކަން އަނެއްކާވެސް ބޮޑުވެފައި މިވަނީ ފިލްމުގެ ޓައިޓަލް ނަމާއި ގުޅުވައިގެން ނެރެފައިވާ ޕްރޮމޯޝަނަލް ލަވައާއެކުއެވެ. މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަންގެ ތެރެއިން މަޤޫބުލުކަން ހޯދި ޢާއިޝަތު ޖައިޝާ ވަޙީދު ކިޔާފައިވާ މި ލަވައިން މުޅި ފިލްމުގެ ވާހަކަ ކުރުގޮތަކަށް ކިޔައިދޭ ކަހަލައެވެ. މިއީ ޖައިޝާގެ ވީޑިއޯ ލަވައެއް ފީޗަރ ފިލްމެއްގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ.

އަމިއްލަ ރާގަކަށް ތައްޔާރުކޮށްފައިވާ މި ލަވައިގެ ޅެން ލިޔެފައިވަނީވެސް ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަޙީދެވެ. އަދި މިއުޒިކް ތައްޔާރުކޮށްދީފައިވަނީ މިސްޓީއެވެ.

ބަވަތި މި ފިލްމުގެ ވާހަކަ މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ އާއިލީ މައްސަލަތަކެއްގެ ތެރެއިން ބޮޑުވެގެން އަންނަ އަންހެން ކުއްޖަކު، އުފާވެރި މުސްތަޤުބަލަކަށް އެދި ކުރާ އުއްމީދުތައް، ރޫޙާނީ ބާރެއްގެ ސަބަބުން ވިއްސި ވިހާލިވެގެންދާ ގޮތުގެ މައްޗަށެވެ. މުޅި ފިލްމު ވަރަށްވެސް ކުރުކޮށް ފޮނިކޮށް ޕްރޮމޯޝަނަލް ލަވައިން ބުނެދޭއިރު، ޖައިޝާ މި ލަވަ ކިޔާފައިވާގޮތަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.

ފިލްމަށް މުޅި ކްރޫ ކޮށްފައިވާ ބުރަ މަސައްކަތް ހަމައެކަނި މި ޕްރޮމޯޝަނަލް ލަވަ ބަލާލުމުންވެސް ހާމަވެގެންދެއެވެ.

"ބަވަތި" ފިލްމުގެ ޕްރޮމޯޝަނަލް ލަވަ

މިއަހަރު ނުކުންނާނެ އެންމެ ތަފާތު އެއް ފިލްމު!

މި ފިލްމު ޝޫޓްކުރުމުގެ ހުރިޙާ މަސައްކަތެއް ނިންމާލާފައިވާއިރު، ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމުމަކާއި ގާތްވެފައިވާކަމަށް އައި ފިލްމްސްއިން ވަނީ ބުނެފައެވެ. މާލޭގެ އިތުރުން މި ފިލްމުގެ ބައެއް މަންޒަރުތައް ކ. ކާށިދޫގައިވެސް ޝޫޓްކޮށްފައިވެއެވެ.

ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަމުން ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ބުނީ މިއީ މިއަހަރު ދިވެހި ސިނަމާތަކަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމަށްވެގެންދާނެކަމަށާއި، ފިލްމާމެދު ކުރެވޭ އުއްމީދުތައް ވަރަށް ބޮޑުކަމަށެވެ. އަމިއްލަ ވާހަކައަކަށް ލިޔެ ތައްޔާރުކުރާ މި ފިލްމުގައި ހިމަނާފައިވާނީ ހުސް އަމިއްލަ ރާގުގެ ލަވަތައްކަމަށްވެސް އިލްޔާސް ބުނެފައިވެއެވެ.

ކޮންމެއަކަސް ފިލްމުގެ ނަމުން ފެށިގެންގޮސް، ޓީޒަރ ޓްރެއިލަރތަކުންވެސް ސުވާލު އުފެދޭ އެތައްކަމެއް ފެނިގެންދާއިރު، މިއީ އަޖުމަ ބަލާލުން ރަނގަޅު ފިލްމެކެވެ. ބަވަތި މިއީ ކޯއްޗެއްކަން އެނގެން ބޭނުންނަމަ، ސެޕްޓެމްބަރު 2 އަކަށް އިންތިޒާރުކޮށްލައްވާށެވެ.