ވިޔަފާރި

ދެކުނު އޭޝިޔާ ސަރަޙައްދުގެ ފުރަތަމަ ނެސްޕްރެސޯ ފިހާރަ މާލޭގައި ހުޅުވައިފި


ސްވިޓްޒަލެންޑްގެ މަޝްހޫރު ކޮފީ ބްރޭންޑް "ނެސްޕްރެސޯ"ގެ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

އޯކިޑް މަގުގައި ހުޅުވާފައިވާ މިފިހާރައަކީ ދެކުނު އޭޝިއާ ސަރަޙައްދުގައި ހުޅުވި "ނެސްޕްރެސޯ" ބްރޭންޑްގެ ފުރަތަމަ ފިހާރައެވެ. މިފިހާރަ ރާއްޖޭގައި ހުޅުވާފައިވަނީ ދިވެހި ކުންފުންޏެއްކަމަށްވާ ލިކުއިޑް ޕްރައިވެޓް ލިމިޓެޑުންނެވެ. އެކުންފުންޏަކީ ނެސްޕްރެސޯގެ ރާއްޖޭގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ލިކުއިޑްގެ އޮޕަރޭޝަންސް މެނޭޖަރ ޝައްމަ ހުސެއިން ވިދާޅުވީ އެކުންފުނިން ރާއްޖޭގައި "ނެސްޕްރެސޯ" ބްރޭންޑްގެ ކޮފީ ވިއްކަމުންދާތާ މިހާރު ގާތްގަނޑަކަށް 10 އަހަރު ވެދާނެކަމަށެވެ. އެގޮތުން މީގެ ކުރިން އެކުންފުނިން ނެސްޕްރެސޯގެ ވިޔަފާރިކޮށްފައިވަނީ ރިސޯޓުތަކުގައިކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލޭގައި ނެސްޕްރެސޯގެ ޝޯވރޫމެއް ހުޅުވީ ކަސްޓަމަރުންނަށް ފަސޭހަކުރުމަށްޓަކައިކަމަށް ޝައްމަ ވިދާޅުވިއެވެ.

"ލިކުއިޑް ކުންފުނިން ރާއްޖޭގައި ނެސްޕްރެސޯ ވިއްކަމުން އަންނަތާ 10 ވަރަކަށް އަހަރު ވެއްޖެ. 2009 އަކުން ފެށިގެން ރާއްޖޭގެ ހައިއެންޑް ރިސޯޓުތަކުގައި އަދި ގެސްޓްހައުސްތަކުގައި ނެސްޕްރެސޯ މެޝިންތައް ހުރޭ. ދެން މިހާރު ދިވެހިންގެ ތެރޭގައިވެސް ނެސްޕްރެސޯ މަޤްބޫލުވެފައިމިވަނީ. އެހެންކަމުން ލިކުއިޑުން ކަސްޓަމަރުންނަށް ފަސޭހަކޮށް މި ބްރޭންޑް ފޯރުކޮށްދިނުމަށް ކުރި މަސައްކަތުގެ ތެރެއިން ނެސްޕްރެސޯގެ ޝޯވރޫމްއެއް ހުޅުވިގެން މިދިޔައީ." ޝައްމަ ވިދާޅުވިއެވެ.

ނެސްޕްރެސޯގެ މި ސަރަޙައްދުގެ ފުރަތަމަ ފިހާރަ ރާއްޖޭގައި ހުޅުވާފައިވާއިރު "ނެސްޕްރެސޯ"ގެ ފިހާރަތަކަކީ ހަމައެކަނި ކޮފީގެ ބާވްތްތައް ވިއްކުމަށް ޚާއްސަ ފިހާރަތަކެކެވެ. އެގޮތުން މިފިހާރައިން އާންމުކޮށް ވިއްކާނީ ކޮފީ ކެޕްސުލް އަދި ކޮފީ މެޝިންކަމަށް ލިކުއިޑްއިން ބުނެއެވެ. އަދި އަލަށް ތަޢާރްފްކުރި 3 ވައްތަރަކާއެކު ޖުމްލަ 28 ވައްތަރެއްގެ ކޮފީ ކެޕްސުލްތައް މިފިހާރައިން ލިބިގެންދާނެކަމަށް ލިކުއިޑްއިން ބުނެއެވެ. ކޮފީގެ އިތުރުން ނެސްޕްރެސޯ ބްރޭންޑްގެ 2 ވައްތަރެއްގެ ބިސްކޯދެއް މިފިހާރައަށް ވަނީ ތަޢާރްފްކޮށްފައެވެ.

ލިކުއިޑް ކުންފުނީގެ ސީނިއާރ ޓެކްނީޝަން، ހުސެއިން ސުހައިލް ވިދާޅުވި ކެޕްސުލްތައް ރިސައިކަލްކުރުމަށްޓަކައި އެފިހާރައިގައި ރިސައިކްލިންގ ޕޮއިންޓެއް ޤާއިމްކުރެވިފައިވާކަމަށްއެވެ.

"ނެސްޕްރެސޯގައި ވޯލްޑްވައިޑްކޮށް އެބައުޅޭ 1000 އަށް ވުރެ ގިނަ ރީސައިކްލިންގ ކަލެކްޝަން ޕޮއިންޓްސް. އޭގެ އެއް ކަލެކްޝަން ޕޮއިންޓް މި ޝޯވރޫމްގައިވެސް ހުންނާނެ. ނެސްޕްރެސޯގެ ޓާގެޓަކީ 2020 ނިމެންވާއިރަށް ގްލޯބަލްކޮށް ނެސްޕްރެސޯއިން އުފައްދާ ކެޕްސިއުލްތައް ރީސައިކަލްކުރުން. އެގޮތުން އަޅުގަނޑުމެންވެސް މިދަނީ ރީސައިކްލިންގ ޕާޓީއަކާއިއެއްކޮށް މަސައްކަތްކުރަމުން." ހުސެއިން ސުހެއިލް ވިދާޅުވިއެވެ.

"ނެސްޕްރެސޯ" ފިހާރާއިގެ އެންމެ ޚާއްސައެއް ކަމަކީ މިހުރިހާ ވައްތަރެއްގެ ކޮފީއެއް ގަތުމުގެ ކުރިން ކޮފީގެ ރަހަ ބަލާލުމުގެ ފުރުސަތު ލިބުމެވެ. އެގޮތުން ކޮންމެ ކަސްޓަމަރަކަށް ވެސް ފިހާރައަށް އައިސް ކޮފީގެ ރަހަބަލާލުމުގެ ފުރުސަތު އޮންނާނެކަމަށް ލިކުއިޑްއިން ބުނެއެވެ.

ނެސްޕްރެސޯއިން ރާއްޖޭގައި އަލަށް ފިހާރައެއް ހުޅުވާފައިވާއިރު މިހާރުވެސް 76 ޤައުމެއްގައި ނެސްޕްރެސޯގެ 700 އަށްވުރެ ގިނަ ފިހާރަ ދަނީ ހިނގަމުންނެވެ.