ޚަބަރު

"އެއްސަހަރެއްގައި" މުބާރާތުން އެއްވަނަ ޝައިބާއަށް


ދިވެހިރާއްޖޭގެ އަޑުގެ ކުޑަކުދިންގެ ވާހަކަ ކިޔުމުގެ މުބާރާތް "އެއް ސަހަރެއްގައި"ގެ އެއްވަނަ ޢައިޝަތު ޝައިބާ އަޙްމަދު ހޯދައިފިއެވެ. ޝައިބާ އެއްވަނަ ހޯދާފައިވަނީ 20 ބައިވެރިންނާއި ވާދަކޮށްގެންނެވެ.

ދިވެހިރާއްޖޭގެ އަޑުން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ ވާހަކަ ކިޔުމުގެ މުބާރާތަކީ ޢުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތަށްވެސް ކުދިން ހޮވާފައިވަނީ ވަރަށް ފޯރިގަދަ އޮޑިޝަނަކަށް ފަހުގައިކަމަށް ދިވެހިރާއްޖޭގެ އަޑުން ބުނެއެވެ.

މި މުބާރާތުގެ އޮޑިޝަންގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވިނަމަވެސް އޮޑިޝަނުން ހޮވުނީ 20 ކުދިންނެވެ. އެކި ތީމް ތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ފައިނަލްބުރުގައި ވާދަކޮށްފައިވަނީ 5 ކުދިންނެވެ. މި ކުދިންގެ ތެރެއިން މުބާރާތުން އެއްވަނަ ހޯދީ ޢުމުރުން 10 އަހަރުގެ ޢައިޝަތު ޝައިބާ އަޙްމަދެވެ. ޝައިބާއަށް މުޅިމުބާރާތުން އެއްވަނައަށްދާ ފަރާތަކަށް ދޭ 10،000 ރުފިޔާ އާއި އިނާމް ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އަޑަށް ގިނަދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ޒުނެއިރާ އަޙްމަދެވެ.

މިމުބާރާތުގެ ފައިނަލްގައި ޝައިބާ އާއި ވާދަކުރި އަނެއް 4 ކުދިންނަކީ ޔޫސުފް ޖުޒްލާން ޝަފީއުއާއި އާމިނަތު އިޝާ އިސްމާޢީލްއާއި ސަރާ ޢަލީ ނަސީމާއި ޖޫދް މުޙައްމަދު މުންތައްސިރެވެ.

މި މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތަށްފަހު ޝައިބާވަނީ ވާހަކައަށް ތައްޔާރުވުމަށް ކުރި މަސައްކަތް ޕީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައެވެ.

"އެއް ސަހަރެއްގައި"ވާހަކަ ކިޔުމުގެ މުބާރާތުގައި ވަރަށް ތުއްތު ކުދިންވެސް ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރާކަން ދިވެހިރާއްޖޭގެ އަޑުން ފާހަގަކުރެއެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ބައިވެރިވި އެންމެ ހަގު ބައިވެރިއަކީ ތީން އަޙްމަދު ޖަލީލެވެ. އެންމެ ތިން އަހަރުގެ ތީންވަނީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޙަފްލާގައިވެސް ވާހަކަ ހުށައަޅައިދީފައެވެ.

މި ރަސްމިއްޔާތުގައިވަނީ މުބާރާތުގައި ބައިވެރިވި 20 ބައިވެރިންނަށްވެސް ހަނދާނީ ލިޔުން ދީފައެވެ. އަދި މުބާރާތުގައި ފަނޑިޔާރުކަންކޮށްދެއްވި ފަނޑިޔާރުންނަށްވެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ. މިއަހަރުގެ މުބާރާތުގައި ފަނޑިޔާރުކަންކޮށްދެއްވާފައިވަނީ މުޙައްމަދު ޝަމްޢޫނާއި އަޙްމަދު ޝާޒްއާއި ނާޒިރު ޝިހާމެވެ.

ވާހަކަ ކިޔުމުގެ މިމުބާރާތަކީ ރާއްޖޭގައި މިފަދަ ގޮތަކަށް ބާއްވާ ހަމައެކަނި މުބާރާތްކަން ދިވެހިރާއްޖޭގެ އަޑުން ފާހަގަކުރެއެވެ. އަދި މިއީ މި މުބާރާތް ބޭއްވި 8 ވަނަ އަހަރު ކަމަށްވެސް ދިވެހިރާއްޖޭގެ އަޑުން ބުނެއެވެ.

ކުރިއަށް އޮތް ތަނުގައި މި މުބާރާތް މިއަށްވުރެ ފޯރިގަދަ ކުރުމަށް މަސައްކަތްކުރާނެކަމަށްވެސް ދިވެހިރާއްޖޭގެ އަޑުން ބުނެއެވެ.