ކުޅިވަރު

ހަމަނުޖެހުން ބޮޑުވި ދިއްދޫ ފުޓްސެލް މުބާރާތް ކުރިއަށް ނުގެންދަން ނިންމައިފި


ހއ.ދިއްދޫ ކައުންސިލްގެ ތިންވަނަ ފިތުރު އީދު ފުޓްސަލް މުބާރާތުގައި ކުޅެމުންދިޔަ މެޗެއް ހޫނުވެ ދިއްދޫ ފުޓްސަލް ދަނޑަށް ގެއްލުންދިން މައްސަލައިގައި އެ މެޗުގައި ބައްދަލުކުރި ދެ ޓީމާއި، ކުޅުންތެރިންތަކެއް ޖޫރިމަނާކޮށް މުބާރާތް އިތުރަށް ކުރިޔަށް ނުގެންދިޔުމަށް ދިއްދޫ ކައުންސިލް ނިންމައިފިއެވެ.

ދިއްދޫ ކައުންސިލުން ބުނިއެވެ. މަސްލަހަތު ގެއްލި މެދުކަނޑާލަން ޖެހުނު ފުޓްސަލް މުބާރާތުގެ ޓެކްނިކަލް ކޮމެޓީގެ މަސައްކަތަށް ރިއާޔަތްކޮށް 12 ފިޔަވަޅެއް އެޅުމަށް ދިއްދޫ ކައުންސިލުން ނިންމަވާފައިވާކަމަށެވެ.
މިކަމާއި ގުޅޭގޮތުން ދިއްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މުބާރާތުގެ ދެ ޓެކްނިކަލް ކޮމިޓީއާއި، ރެފްރީ ކޮމިޓީއަށް އެ ކައުންސިލުން އެއްވެސް މިންވަރަކަށް ނުފޫޒް ފޯރުވާފައި ނުވާނެ ކަމަށާއި، ވަކި ޓީމަކަށް ފައިދާވާގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
ދިއްދޫ ކައުންސިލުން ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ނިންމަވާފައި މިވަނީ ފުޓްސަލް މެޗު ހޫނުވެ ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބާއި، ދަނޑުގެ ތަކެއްޗަށް ގެއްލުންދީ އެކި ފަރާތްތަކާ މެދުގައި ހަމަނުޖެހުން ހިންގާފައިވާ މައްސަލަތައް ބެލުމަށްފަހުއެވެ.

ބްލެކްޒީނޯ އަދި ވަންތަޅާ ބައްދަލުކުރި މުބާރާތުގެ 36 ވަނަ މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި، ފުޓްސަލް ދަނޑަށް ދިން ގެއްލުމަކީ އިންތިހާއަށް ކުށްވެރިކޮށް ހިތާމަކުރާ ކަމެއް ކަމަށްވެސް އެ ކައުންސިލުން ބުނި. މި ބަޔާނުގައިވަނީ މުބާރާތް ކުރިޔަށް ގެންދިޔުމަށްޓަކައި ރެފްރީން ހޯދުމަށް މެދުނުކެނޑި ކުރި މަސައްކަތް ކާމިޔާބުކުރެވިފައި ނުވާކަމަށެވެ. މި ސަބަބާއި ހުރެ ދިއްދޫ ކައުންސިލުން ނިންމާފައިވަނީ، އެ މުބާރާތް މި ހިސާބުން ނިންމާލުމަށްފަހު 1 ނޮވެންބަރ 2019 ގައި އާ މުބާރާތެއްގެ ގޮތުގައި މި މުބާރާތް ބޭއްވުމަށެވެ.