ޚަބަރު

ހެލިކޮޕްޓަރ ވެއްޓުމުން ރައީސް ޔާމީން ހަމްދަރުދީ ފާޅުކުރައްވައިފި


 ޕާކިސްތާނުގައި ބޭރުގެ
ޑިޕްލޮމެޓުން ގޮވައިގެން ދަތުރުކުރި އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި ހަ މީހުން މަރުވި
ހާދިސާއާ ގުޅިގެން ރައީސް ޔާމީން ހަމްދަރުދީ ފާޅުކުރައްވައިފިއެވެ.



އެމަނިކު ހަމްދަރުދީ
ފާޅުކުރެއްވީ، މިހާދިސާ ހިނގުމާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް
އާ ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވަމުންކަމަށް ފޮރިން މިނިސްޓްރީން ކުރި
ޓުއީޓެއްގައި ބުނެފައިވެއެވެ.  



މިހާދިސާގައި މަރުވި
މީހުންގެ ތެރޭގައި ޕާކިސްތާނުގައި ހުންނަވާ ނޯވޭގެ ސަފީރާއި، ފިލިޕީންސްގެ
ސަފީރާއި، މެލޭޝިޔާ ސަފީރުގެ އަނބިކަނބަލުންނާއި، އިންޑޮނޭޝިޔާގެ ސަފީރުގެ
އަނބިކަނބަލުން ހިމެނޭ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން މައުލޫމާތުދެއެވެ.



މިހާދިސާގައި
ހެލިކޮޕްޓަރުގައި ދަތުރުކުރި މީހުންގެތެރެއިން ޕޮލަންޑާއި ނެދަރލެންޑްގެ ސަފީރަށްވެސް
އަނިޔާވެފައިވާ ކަމަށާއި، މިހެލިކޮޕްޓަރުން ބޭރުގެ އެގާރަ ޑިޕްލޮމެޓުންނާއި،
ޕާކިސްތާނުގެ ހަމީހުން ދަތުރުކުރި ކަމަށް އަސްކަރިއްޔާއިން ހާމަކުރެއެވެ.



އެބޭފުޅުން
ދަތުރުކުރެއްވީ ޕާކިސްތާނުގެ އުތުރުގެ ފަރުބަދަމަތީ ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށް
ހަމަޖެހިފައިވާ މަޝްރޫޢުތަކެއް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް
ކަމަށް ޚަބަރުލިބެއެވެ.



މިރަސްމިއްޔާތުގައި
ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފްވެސް ދަތުރުފުޅު
ފެއްޓެވިކަމަށާއި، ނަމަވެސް މިހާދިސާ ހިނގުމާއެކު، އެނބުރި ވެރިރަށް އިސްލާމް
އާބާދަށް ވަޑައިގެންފައިވާ ކަމަށް މަޢުލޫމާތުލިބެއެވެ. ޕާކިސްތާނުގެ ޚާރިޖީ
ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި ހެލިކޮޕްޓަރު ވެއްޓުނީ، ޓެކްނިކަލް
މައްސަލައެއްގެ ސަބަބުން ކަމަށް ބެލެވޭކަމަށާއި، މިހާދިސާ އިތުރަށް
ތަޙުޤީޤުކުރަމުންދާ ކަމަށެވެ.