ޚަބަރު

އާ މަންހަޖާމެދު މަޝްވަރާކޮށްގެން ނަތީޖާ ނެރުމަށް އެދިވަޑައިގެންފި


އަލަށް ތައާރަފްކުރި ގައުމީ މަންހަޖު ކާމިޔާބު ކަމާއެކު ކުރިއަށްގެންދިއުމަށް
ތަފާތު ވިސްނުންތަކުގެ ޚިޔާލުތައް ބޭނުންވާ ކަމަށާއި، ދުރުގައި ތިބެ ފާޑު ކިޔުމުގެ
ބަދަލުގައި މަޝްވަރާ ކޮށްގެން ރަނގަޅު ނަތީޖާތަކެއް ހާސިލްކުރެވިދާނެ ކަަމަށް
އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.



މިނިސްޓަރ މިހެން ވިދާޅުވީ، ގައުމީ މަންހަޖުގެ މައުރަޒު ހުޅުއްވާދެއްވުމުގެ
ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.



މަދުރަސީ ތައުލީމުގެ ގައުމީ މަންހަޖުގެ މައުރަޒަކީ މިއަހަރު އަލަށް
އަމަލުކުރަން ފެށި އާ މަންހަޖަށް މާލޭގެ ސްކޫލްތައް ހޭނިފައިވާ މިންވަރު
ދައްކުވައިދޭ މައުރަޒެއްގައެވެ. މި މައުރަޒު ކުރިއަށްދަނީ ޖަމާލުއްދީން ސްކޫލްގައެވެ.
އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ އާ މަންހަޖުގެ ފައިދާ
ފެންނަމުންދާ ކަމަށާއި، މި ފިޔަވަޅަކީ ރާއްޖޭގެ ތައުލީމީ ބިންގާ ވަރުގަދަ ވާނެ
ފިޔަވަޅެއްކަމަށެވެ. ގިނަ ގޮންޖެހުންތަކާއި އެކުވެސް މިއަހަރުގެ ތެރޭގައި އާ
މަންހަޖަށް އަމަލުކުރުމަކީ ސަރުކާރުން ހޯދާފައިވާ ކާމިޔާބީއެއް ކަމަށާއި، ފާޑުކިޔުންތެރިންގެ
ޚިޔާލާއެކު މަންހަޖުގެ ކާމިޔާބީ އިތުރުވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.



ނޭޝަނަލް އިންސިޓިއުޓް އޮފް އެޑިއުކޭޝަން ހިންގެވުމާއި ހަވާލު ހުންނެވި،
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް އުމަރުވެސް ވަނީއާ
މަަންހަޖުގެ ސަބަބުން  ކިޔަވައިދިނުމަށް
ހެޔޮ ބަދަލުތަކެއް އަންނަން ފަށާފައިވާކަމަށް ވިދާޅުވެފައެވެ.



މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި މަައުރަޒުގައި މާލޭގެ
ހުރިހާ ސްކޫލްތަކުން ބައިވެރިވެފައިވާ ކަމަށާއި، މައުރަޒު ކުރިއަށްދާއިރު،
މައުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން
މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މިއީ، އާންމުކޮށް ހުޅުވާލައިގެން ބާއްވާ
މައުރަޒެކެވެ.