ވިޔަފާރި

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ބާއްވާ ތާރީޚް ފަސްކޮށްފި


މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން މިރޭ ބޭއްވުމަށް ހަމަޖެހިފައިއޮތް އެކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވާ ތާރީޙް ފަސްކޮށްފިއެވެ.

އެމްޓީސީސީން ބުނީ އަހަރީ އާއްމު ޖަލްސާ ބާއްވާ ތާރީޙް ފަސްކުރީ ޖަލްސާގައި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވުމަށް ޕްރޮކްސީ ފޯމް ހުށަހެޅުމުގައި ސުވާލުއުފެދޭ ފަދަކަމެއް ހިގާފައިވާކަމުގެ ޝަކުވާ، ޑިރެކްޓަރުކަމަށް ނޮމިނޭޓްވެފައިވާ ބައެއް ފަރާތްތަކުން ހުށަހަޅުއްވާފައިވާތީ އެކަން ބެލުމަށްފަހު ކަމަށެވެ.

އަހަރީ އާއްމު ޖަލްސާ ބާއްވާނެ ތާރީހެއް ވީ އެންމެ އަވަސް ފުރުސަތެއްގައި އިޢުލާންކުރާނެ ކަމަށްވެސް އެމްޓީސީސީން ހާމަކުރެއެވެ.

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ގޮތެއް ނިންމާނެއެވެ.

މިދިޔައަހަރު އެމްޓީސީސީއަށް ލިބިފައިވާ ފައިދާވަނީ ދަށްވެފައެވެ. މިއަހަރުގެ މާލީ ހާލަަތަށް ރިއާޔަތްކޮށް މިދިޔަ އަހަރުގެ ޙިއްޞާއިން ފައިދާ ނުބެހުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންވަނީ ނިންމާފައެވެ. އަދި އަހަރީ އާއްމު ޖަލްސާއަށް މިކަން ހުޅަހެޅުން އޮންނާނެއެވެ. އަދި އާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ ޑިރެކްޓަރުންގެ 2 މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، އިވެލުއޭޓްކުރުމަށްފަހު، ޑިރެކްޓަރުންގެ ބޯޑުން ފާސްކުރައްވާފައިވާ ފަރާތްތަކަށް ވޯޓަށް އެހުންވެސް މި ޖަލްސާގައި އޮންނާނެއެވެ.