ދީން

ޖުމުލަ 59 މުދައްރިސަކު، ޤުރުއާން މުދައްރިސުކަމުގެ ޑިގްރީ ޙާޞިލުކޮށްފި


ޤުރުއާން މުދައްރިސުކަމުގެ ޑިގްރީ ޕްރޮގްރާމް ފުރިހަމަ ކުރި 59 މުދައްރިސަކަށް ދަސްވެނިވިކަމުގެ ސަނަދު ޙަވާލުކޮށްފިއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ މި ޑިގްރީ ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ފުރަތަމަ ޑިގްރީ، ފުރިހަމަކުރިކަމުގެ ޝަރަފު ދެއްވާފައިވަނީ އެކަމަށްޓަކާ ބޭއްވި ޚާއްސަ ޙަފްލާއެއްގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ ޤުރުއާން މުދައްރިސުކަމުގެ ޑިގްރީ ޕްރޮގްރާމަކީ، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރިއަށްގެންދިޔަ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. ޤުރުއާން މުދައްރިސުކަމުގެ ޑިގްރީ ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 59 ދަރިވަރަކު ވަނީ ޑިގްރީ ޙާޞިލުކޮށްފައެވެ. މި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ފުރަތަމަ ޑިގްރީ ފުރިހަމަކުރިކަމުގެ ޝަރަފު އަރުވާފައިވަނީ އެކަމަށްޓަކާ ބޭއްވި ޚާއްސަ ޙަފްލާއެއްގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ، އުނގެނުމަކީ ވަކި ޢުމުރަކަށް އަދި ވަކި ޖިންސަކަށް ޚާއްސަކަމެއް ނޫންކަމަށާއި، ހުރިހާ ޢިލްމެއްގެ ތެރެއިންވެސް ކީރިތި ޤުރުޢާން އުނގަންނައިދީ ކިޔަވައިދިނުމަކީ ވަރަށް ޝަރަފުވެރި މަސައްކަތެއްކަމަށެވެ. އަދި އުނގަންނައިދިނުމުގެ މަރުހަލާގައި ވަރަށް ބައިވަރު ކަންކަމާއި ސުވާލުތަކާއި ކުރިމަތިލާންޖެހޭނެކަން ފާހަގަކުރައްވައި ޢިލްމީ ޤާބިލުކަން ތަންދިން މިންވަރަކުން ޢިލްމުގެ ބޭނުން ހިފުމަށް ހުރިހާ ދަރިވަރުންނަށް މިނިސްޓަރ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

"ކިޔެވުމަކީ ވަކި ބަޔަކަށް ވަކި ޢުމުރަކަށް ވަކި ޖިންސަކަށް ޙާއްސަކަމެއް ނޫން. ކީތިރި ގުރުއާން އުނގަނައިދީ ކިޔަވައިދިނުމަކީ ވަރަށް ޝަރަފުވެރި މަސައްކަތެއް. ޢިލްމު އުނގެނި، ތިމާގެ ކިބައިން އެހެން މީހުންނަށް އެ ޢިލްމު އުނގަންނައިދިނުމަކީ އެންމެ ހެޔޮ އަމަލުކަމަށް ކީރިތި ރަސޫލާވެސް ވަނީ ހަދީޘްކުރައްވާފައި. އުނގަނައިދިނުމުގެ މަރުހަލާއަށް ނުކުންނަންވާނީ އެއީ ވަރަށް ބައިވަރު ކަންކަމާއި، ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެ ކަމެއްކަން ދަނެގެން." އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެހީގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރިއަށްގެންދިޔަ ޤުރުއާން މުދައްރިސުކަމުގެ ޑިގްރީ ޕްރޮގްރާމަކީ އެ މަރުކަޒުން ކުރިއަށްގެންދާ އެހެން ޕްރޮގްރާމްތަކާ ތަފާތުކޮށް ކުރިއަށްގެންދިޔަ ޕްރޮގްރާމެއްކަމަށް ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.

އެގޮތުން މިއީ ޢާއްމު އުޞޫލުން އިޢުލާންކުރެވިގެން ފުރުޞަތު ހުޅުވާލި ޕްރޮގްރާމެއް ނޫންކަމަށާއި، މިއީ ސްކޫލްތަކަށް ފުރުޞަތު ދެވިގެން، ޤުރުއާނުގެ ޢިލްމު އުނގަންނައިދިނުމަށް މަސައްކަތް ކުރާ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގެ ގިނަ ސެޝަންތައް ކުރިއަށްގެންގޮސްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ޤާއިމުކޮށްފައިވާ ވީޑިއޯ ކޮންފަރެންސްގެ ނިޒާމުގެ ތެރެއިން ރާއްޖޭގެ އެކި ސްކޫލްތަކުން މުދައްރިސުން ބައިވެރިކޮށްގެންކަމަށްވެސް އެ މަރުކަޒުން ވިދާޅުވެއެވެ.