ޚަބަރު

އަލިފާނުގެ ޙާދިސާގައި އެއްވެސް މީހަކަށް ހާނިކައެއް ނުވޭ - އައި.ޖީ.އެމް.އެޗް


އައި.ޖީ.އެމް.އެޗްގެ ބޭސްމަންޓްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ޙާދިސާގައި އެހޮސްޕިޓަލުން އެވަގުތު ފަރުވާ ހޯދަމުން ދިޔަ އެއްވެސް ބަލިމީހަކަށްވެސް އަދި މުވައްޒަފަކަށްވެސް އެއްވެސް ހާނިއްކައެއް ވެފައިނުވާކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއްޖެއެވެ.

މި ޙާދިސާގައި ހޮސްޕިޓަލަށް ލިބުނު ގެއްލުމުގެ ތަފްސީލް ހޯދުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ހޮސްޕިޓަލުން ދެމުންދާ ޚިދުމަތް މެދުނުކެނޑި މިހާރުވެސް ދެމުންދާގޮތަށް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.

ސީ.ޓީ ސްކޭން މެޝިނަކަށާއި އައި.ޓީގެ ބައެއް މެޝިނަރީތަކުގެ ބެކްއަޕް ކަރަންޓް ދިނުމަށް އައި.ޖީ.އެމް.އެޗްގެ ބޭސްމަންޓުގައި ގާއިމްކޮށްފައިވާ ޔޫ.ޕީ.އެސް ސިސްޓަމްގެ ބެޓެރީ ބޭންކްގައި ހުރި ސްމޯކް ޑިޓެކްޓަރުން ދުމުގެ އަސަރު ދެނެގަނެ އެލާރމް އެޅުމުން މިއަދުގެ ހެނދުނު 09:45 ގައި ހޮސްޕިޓަލުގެ މުވައްޒަފުން ވަނީ ފުރަތަމަ ފިޔަވަޅުތައް އަޅާފައެވެ. އަދި އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ކުރި މަސައްކަތުން 10:45 ހާއިރު އަލިފާން މުޅިން ކޮންޓްރޯލްކޮށްފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން ހޮސްޕިޓަލުގެ އިމަރޖެންސީގެ ޔެލޯ ޒޯނަށާއި، ގްރީން ޒޯނަށާއި، އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއަށް ދުމުގެ އަސަރުކޮށްފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އެހެންކަމުން އެވަގުތު ޔެލޯ ޒޯންގައި ފަރުވާ ދެވެމުން ދިޔަ 22 ބަލިމީހުން މީގެކުރިން ފިޒިއޮތެރަޕީގެ ޚިދުމަތް ދެމުން ދިޔަ ސަރަޙައްދަށް ބަދަލުކޮށްފައިވާކަމަށާ ގްރީން ޒޯނުގެ މަސައްކަތް، ކުރީގެ އެތެރެހަށީގެ ބަލިތަކުގެ އޯ.ޕީ.ޑީ ހިނގަމުންދިޔަ ކޮޓަރިތަކަށް ބަދަލުކުރެވި ޚިދުމަތް ފެށިފައިވާކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.

އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ސީޓީ ސްކޭންގެ ޚިދުމަތް ދިނުމަށް ދިމާވި މައްސަލަ ހައްލުވަންދެން އެމަރޖެންސީކޮށް ހަދަންޖެހޭ ސީޓީ ސްކޭންތައް ޓްރީޓޮޕް ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އެގޮތުން އެމަރޖެންސީކޮށް ހަދަންޖެހޭ ސީޓީ ސްކޭންތައް ހެދުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް ފޮނުވާ ބަލިމީހުންގެ އެއްމެހައި ކަންކަން ހަމަޖެއްސުމަށް، އާސަންދައާއެކު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ.