ޚަބަރު

މިނިވަން 50 ގެ "ފުނަ" ހަރަކާތްތައް ނިލަންދޫގައި ފަށައިފި


މިނިވަން ފަންސާހުގެ ހަރަކާތްތަކުގެ ތެރެއިން އަތޮޅު ތެރޭގައި ކުރިއަށްގެންދާ ސަގާފީ އީދުގެ ހަރަކާތް ފ ނިލަންދޫން ފަށައިފިއެވެ.މި ހަރަކާތްތައް ކުރިއަށްގެންދަނީ " ފުނަ " މި ނަމުގައެވެ.ފ އަތޮޅަށް ފަހު ދެން ފުނަ ހަރަކާތް ބާއްވަން ނިންމާފައިވަނީ ހއ އަތޮޅުގައެވެ. ހއ އަތޮޅު ކެލާގައި ދަނީ މި ހަރަކާތަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.ނިލަންދޫގައި ބާއްވާ ފ އަތޮޅު ފުނަ ހަރަކާތްް ޝަރަފްވެރިކޮށްދެއްވީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ނިިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، އަބްދުއް ރަޝީދު ހުސައިންއެވެ.ޝަރަފްވެރި މެހްމާން އަބްދުއްރަޝީދު ހުސެއިން ވިދާޅުވީ ފުނަ ހަރަކާތަކީ ރާއްޖޭގެ މުންސަނދި ތާރީހުގެ ހަނދާން އާކޮށްލުމަށް ލިބިގެންދާ ފުރުސަތެއް ކަމަށާއި، ފުނަ ހަރަކާތް ބާއްވަން ނިންމި ނިންމުމަކީ ގައުމުގެ އެއްބައިވަންތަކަން ކުރިއަށްނެރުމަށްވެސް ލިބިނު ފުރުސަތެއް ކަމަށެވެ.ނިލަންދޫއަކީ މި ހަރަކާތް ބާއްވަން އެންމެ އެކަށީގެންވާ އެއް ރަށްކަމަށާއި، މި ހަރަކާތަށް ނިލަންދޫއިން  ވެފައިވާ ތައްޔާރީތައް ފެނުމުން ގައުމީ ރޫހް އާލާވެގެންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފުނަ އަކީ ކޮބައިކަން ވަރަށް ތަފްސީލްކޮށް އެ މަނިކުފާނު ކިޔައިދެއްވިއެވެ.ފ އަތޮޅު ފުނަ ހަރަކާތުގައި ބައިވެރިވެފައިވަނީ ނިލަންދޫގެ އިތުރުން ދަރަނބޫދޫއިންނެވެ.މިއަދާއި މާދަމާވެސް ތަފާތު ހަރަކާތްތައް ރާވާފައިވާއިރު، މިއަދު ހަވީރު އޮތީ ސަގާފީ ހަވީރެކެވެ. މި ހަވީރު ކުރިއަށްގެންދިޔައީ ނިލަންދޫގައި އޮންނަ އާސާރީ ސަރަހައްދު، ފޯއްމަތި ސަރަހައްދުގައެވެ.ހަވީރުގައި ދެ ޖިންސްގެ ހުށައެޅުންތައް ފެނިގެންދިޔައިރު، ސަގާފީ ގިނަ ހަރަކާތްތަކެއް ފެނިގެންދިޔައެވެ. މީގެ ތެރޭގައި ދަފި ނެގުމާއި، ކުރު ދަނޑި ޖެހުމާއި، މާފަތި ނެށުމުގެ އިތުރުން، ލަނގިރި ނެށުމުގެ ހަރަކާތްތައްވެސް ހުށައަޅައިދީފައިވެއެވެ.މިރެއާއި މާދަމާވެސް ފުނަ ހަރަކާތްތަކުގެ ބައިތައް ނިލަންދޫގައި ބާއްވާނެއެވެ.މާދަމާ ހާއްސަ ކުރެވޭނީ ޖާފަތް އަދި މައުލޫދު ކިޔުމުގެ ބަޔަށްކަމަށް ނިލަންދޫ ކައުންސިލުން ބުނެއެވެ.ފުނަަ ސަގާފީ އީދު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބާއްވާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ހަރަކާތުން ކޮންމެ އަތޮޅަކުން ހޮވޭ އެންމެ ރަގަޅު ހަރަކާތް މިނިވަންދުވަހު މާލޭގައި ބާއްވާ ރަސްމީ އިހުތިފާލްތަކުގައި ހުށައެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިވަން ފަންސާސް އޮފީހުން މައުލޫމާތުދެއެވެ.މި ހަރަކާތުގެ މަގްސަދަކީ އެއްބަައިވަންތަ ބައެއްގެ ގޮތުގައި ހުރިހާ ރައްޔިތުން ނިކުމެ، މިނިވަން ކަމަށް ފަންސާސް އަހަރު ފުރޭ ރަންޔޫބިލް ގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުން ލިބުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.