ކުޅިވަރު

މެޗް ފެށެން 4 ގަނޑިއިރަށް ވެފައިވަނިކޮށް ޕްރިމިއަރ ލީގުގައި ވާދަކުރުމުގެ ފުރުސަތު ނިލަންދޫއަށް ލިބިއްޖެ


މިރޭ ފަށާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރުމުގެ ފުރުސަތު ނިލަންދޫ ސްޕޯޓްސް ކްލަބަށް އެފްއޭއެމްއިން ދީފިއެވެ.

އެފްއޭއެމުން ނިލަންދުއަށް ލީގުގައި ވާދަކުރުމުގެ ފުރުސަތު އެންމެ ފަހު ވަގުތު ދިނީ ކްލަބް ލައިސަންސަށް ބޭނުންވާ ލިޔެކިއުންތައް އެންމެ ފަހު ވަގުތު ހުށެހެޅުމުންނެވެ.

މިކަމާއި ގުޅޭގޮތުން އެފްއޭއެމުން މިއަދު ނެރެނު ބަޔާނެއްގައި ބުނެފައިވަނީ ނިލަންދޫ ސްޕޯޓްސް ކްލަބުން ކްލަބް ލައިސަންސަށް ބޭނުންވާ ލިޔެކިއުންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށްފަހު އެ މުއްދަތުގައި ހުށައަޅާފައިވާ ލިޔެކިއުންތައް އެ އެސޯސިއޭޝަންގެ ކްލަބް ލައިސަންސް ކޮމިޓީން ބެލުމަށްފަހު އެ ކްލަބަށް ކޮންޑިޝަނަލް ލޯކަލް ލައިސަންސެއް ދިނުމަށް ނިންމާފައިވާކަމަށެވެ.

މި އަހަރުގެ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ހުރިހާ ކްލަބަކުންވެސް ކްލަބް ލައިސަންސް ހޯދުމަށް އެފްއޭއެމުންވަނީ މަޖުބޫރުކޮށްފައެވެ. ލައިސަންސް ނެތި ފުރަތަމަ ޑިވިޝަންގައި ވާދަކުރުމުގެ ފުރުސަތު ދޭން އެ އެސޯސިއޭޝަނުން ދެކޮޅު ހެދީ ރާއްޖޭގެ ކްލަބްތަކަށް މި އަހަރު އޭއެފްސީ ކަޕުން ފުރުސަތު ގެއްލުމުންނެވެ.

މި އަހަރުގެ ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި ކުޅޭނީ ނިލަންދޫއާއި ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. މި އަހަރުގެ ދިވެހި ލީގުގައި ނުވަ ކްލަބަކުން ވާދަކުރާނެއެވެ.