ކުޅިވަރު

ޗެލްސީގެ ކޯޗުކަމަށް މިވަގުތު ގެނައުން އެންމެ ރަނގަޅީ ލަމްޕާޑް - ޑްރޮގްބާ


ޗެލްސީގެ ކޯޗުކަމަށް މިވަގުތު ގެނައުން އެންމެ ރަނގަޅީ ކުރީގެ ކެޕްޓަން ފްރެންކް ލަމްޕާޑުކަމަށް ޗެލްސީގެ ކުރީގެ ތަރި ޑިޑިއޭ ޑްރޮގްބާ ބުނެފިއެވެ.

ޗެލްސީގެ މިހާރުގެ ކޯޗު މައުރީސިއޯ ސަރީ އެކުލަބު ދޫކޮށް ޔުވެންޓަސްއަށް ބަދަލުވާނެކަމަށް އަޑު ފެތުރިފައިވާއިރު، ސަރީގެ ބަދަލުގައި އެ މަގާމަށް އައުން އެންމެ ގާތީ ފްރެންކް ލަމްޕާޑްކަމަށް ބެލެވެއެވެ.

ލަމްޕާޑާއި އެކު ޗެލްސީން މަޝްވަރާތައް ފަށާފައިވާކަމަށް އިނގިރޭސި މީޑިޔާތަކުން ރިޕޯޓްކޮށްފައިވާއިރު، އެކުލަބުގެ ކުރީގެ ތަރިންވެސް އަންނަނީ ލަމްޕާޑް އެމަގާމަށް ގެނައުން ރަނގަޅުކަމަށް ބުނަމުންނެވެ.

ލަމްޕާޑާއިއެކު ޗެލްސީއަށް ކުޅުނު ފޯވާޑް ޑިޑިއޭ ޑްރޮގްބާ ބުނީ ޗެލްސީ ކަހަލަ ބޮޑު ކުލަބަކަށް ލަމްޕާޑު ހުރީ ތައްޔާރުވެފައިކަމަށެވެ. އިނގިރޭސި ޗެމްޕިއަންޝިޕްގެ ޑާރބީ ކައުންޓީއަށް މި ސީޒަންގައި ކޯޗުކަންކޮށްދީ އެކުލަބަށް ހޯދައިދިން ކުރިއެރުމަށް ބަލާއިރު ޗެލްސީގައިވެސް ރަނގަޅު ނަތީޖާތަކެއް ލަމްޕާޑަށް ނެރެވިދާނެކަމަށް އޭނާ ބުންޏެވެ.

ޑްރޮގްބާ ބުނީ ކޯޗިންގ ކެރިއަރުގެ ކުރީކޮޅު ލަމްޕާޑަށް ޗެލްސީ ކަހަލަ ބޮޑު ކުލަބަކާއިއެކު ކާމިޔާބު ނުހޯދޭންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.