ޚަބަރު

އަންހެން ސިންގަލްސްގެ ދެވަނަ ބުރުން ނީލާ އާއި ނަބާހާ ޖާގަ ހޯދައިފި

މޮރީޝަސް ބެޑްމިންޓަން ސީރީސްގެ އަންހެން ސިންގަލްސްގެ ދެވަނަ ބުރުން ރާއްޖޭގެ ނީލާ ނަޖީބާއި، ފާތިމަތު ނަބާހާ ޖާގަ ހޯދައިފިއެވެ.
އައިއޯއައިޖީއަށް ތައްޔާރުވުމުގެ ގޮތުން މޮރީޝަސްގެ އޯޕަން މުބާރާތުގައި ވާދަކުރަމުން އަންނަ ދިވެހި ޓީމްގެ ނީލާ އަދި ނަބާހާ ސިންގަލްސް ދެވަނަ ބުރުން ޖާގަ ހޯދީ މޮރީޝަސްގެ ދެ ކުޅުންތެރިން ބަލިކޮށްގެންނެވެ.

ނީލާ ނަޖީބު މޮޅުވީ މޮރީޝަސްގެ އަންޖަލީ ބުޖޫން އަތުން ދެ ސެޓު އެއް ސެޓުންނެވެ. ނަބާހާ މޮޅުވީ މޮރީޝަސްގެ ސެންޑިލާ މޫރާޓް އަތުން ސީދާ ދެ ގޭމުންނެވެ. ދެވަނަ ބުރުގައި ނީލާ ނިކުންނާނީ ދެވަނައަށް ސީޑްކުރެވިފައިވާ ސްލެވާކިޔާގެ މާޓީނާ ރެޕިސްކާއާއި ދެކޮޅަށެވެ. ނަބާހާ ނިކުންނާނީ ހަވަނައަށް ސީޑުކުރެވިފައިވާ ހާޑިޔާ ހުސްނީއާއި ދެކޮޅަށެވެ.

ރާއްޖޭގެ ޓީމްގެ އަންހެން ހުރިހާ ކުޅުންތެރިންވަނީ ސިންގަލްސްގެ ފުރަތަމަ ބުރުން ކަޓާފައިއެވެ.

ފިރިހެން ސިންގަލްސްގެ ކޮލިފައިން ދެވަނަ ބުރުން ނިބާލްއާއި ރިޝްވާން ކެޓިއިރު، އާކިފްއާއި އަޖުފާން ކެޓިން ސިންގަލްސް ކޮލިފައިންގެ ތިންވަނަ ބުރުންނެވެ. މުބާރާތުގެ ޑަބަލްސް މެޗުތަކާއި މިކްސް ޑަބަލްސް މެޗުތައް މިއަދު ކުޅުމަށްވަނީ ހަމަޖެހިފައިއެވެ.

ފިރިހެން ސިންގަލްސްގެ ކޮލިފައިން ނުކުޅެ ރާއްޖޭގެ ޒަޔާން ޝަހީދު ޒަކީ ވާދަކުރާނީ ފައިނަލް ބުރުގައެވެ. އޭނާ ނިކުންނާނީ އެމެރިކާގެ ވިންސަން ޗިއުއާ ދެކޮޅަށެވެ.