ވިޔަފާރި

މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްއާއެކު ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެ


އަންނަ ހޯމަދުވަހު ފެށުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް"އާއެކު ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ފެށިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދެދުވަހުގެ މުއްދަތަކަށް ބާއްވާ ޕާޓްނަރޝިޕް ފޯރަމް އިފްތިތާޙުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙެވެ. މި ފޯރަމްގައި ރަޙުމަތްތެރި ޤައުމުތަކާއި ޖަމްއިއްޔާ ޖަމާޢަތްތަކާއިއެކު "ޖަޒީރާ ރާއްޖެ"އެއްގެ ތަސައްވުރާއި ބެހޭ ގޮތުންނާއި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާއާއި ބެހޭ ގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރެވޭނެއެވެ.

އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް" އަށް ދިވެހި ސަރުކާރުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މި ފޯރަމްއަށް ކަނޑައަޅާފައިވާ ޝިޢާރަކީ "އިންވެސްޓިންގ އިން އަ ރިޒިލިއެންސް އެންޑް ސަސްޓެއިނަބަލް މޯލްޑިވްސް" އެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދުގެ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ފައިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޕާޓްނަރޝިޕް ފޯރަމްގެ ތެރޭން ކުރިއަށްއޮތް 5 އަހަރުގެ ރާއްޖޭގެ ތަސްވީރު ދުނިޔެއަށް ދައްކާލެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި ވިޔަފާރި ކުރުމަށް އަދި މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މިއޮތް ހުރިހާ ދުވަހު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ވަކި ޤައުމަކަށް ބަރޯސާވެގެން ވަކި ބަޔަކަށް ބަރޯސާވެގެން ވަރަށް އެކަހެރި ޙާރިޖީ ސިޔާސަތެއް ގެންގުޅެމުން ދިޔަ ތަން، މި ފޯރަމުން އަންގައިދޭން ބޭނުންވާ މެސެޖަކީ އޮޕަން ފޮރ ބިޒްނަސް ކަން ހުރިހާ ޤައުމުތަކަށާއި އިންވެސްޓަރުންނަށް ހުޅުވިފަ އެބަހުރިކަން،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް" ގައި ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް އިޤްތިޞާދީ އަދި އިޖްމާޢީ އެކި ދާއިރާތަކުން ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ފޯރަމްގައި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ އާއި، ޤައުމީ ތަރައްޤީގެ ޕްލޭނާއި ބެހޭ ގޮތުން ސަރުކާރުގެ ބައެއް ވަޒީރުން މައުލޫމާތު ދެއްވައި، ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބައިނަލްއަޤްވާމީ ބައިވެރިންނާއި ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
މިއަހަރުގެ ޕާޓްނަރޝިޕް ފޯރަމްގައި ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީތެރިކަން ސަރުކާރުން ބޭނުންވާ މައިގަނޑު 5 ދާއިރާއަކުން ޕެނަލް ޑިސްކަޝަންތައް ބާއްވައި، މައުލޫމާތު ދިނުމަށްވަނީ ރާވާފައެވެ.
މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމަކީ ވޭތުވެ ދިޔަ 10 އަހަރުތެރޭގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަލްޓިލޭޓަރަލް ބައްދަލުވުމެވެ.

މިފޯރަމްގައި ބައިވެރިވުމަށް ގިނަ ޤައުމުތަކަކުންނާއި ޖަމްއިއްޔާ ޖަމާޢަތްތަކުން ރާއްޖެއަށް އައިސް، ސަރުކާރުގެ ތަރައްޤީގެ އެޖެންޑާއަށް އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާއިރު، މި ފޯރަމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލްގެ މަސައްކަތާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

" ޕާޓްނަރޝިޕް ފޯރަމް ނިމޭ ހިސާބުން އަޅުގަނޑުމެން ސޮއި ކުރަން އެބަ ޓަރމިނަލް ޕްރޮޖެކްޓްގައި އަދި އޭގެ އިތުރުންވެސް އަޅުގަނޑުމެން މި ޤަބޫލްކުރަނީ އެހެން އެއްބަސްވުންތަކުގައި އިންވެސްޓްމަންޓް ހޯދުމުގައި ފަސޭހަވެގެންދާނެ ކަމަށް،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއި މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރު ކޯ-ހޮސްޓް ކުރައްވާ މި ފޯރަމްގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކާއި ބައެއް އިދާރާތަކުން ބައިވެރިވާނެއެވެ. ޕާޓްނަރޝިޕް ފޯރަމް ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.