ޚަބަރު

ޖޭއެސްސީގެ ޒިންމާތަކަށް ސުޕްރީމްކޯޓުން ހުރަސްއަޅާ- ޖޭއެސްސީގެ މެންބަރުން


ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތަކަށް އެކި ސިފަސިފައިގައި ސުޕްރީމް ކޯޓުން ނޭދެވޭ ނުފޫޒު ފޯރުވާފައިވާކަމަށާއި، މިނިވަންކަމާއެކު އެކޮމިޝަނަށް މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމުކޮށްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގައި ޖޭއެސްސީގެ ބައެއް މެންބަރުން އެދިވަޑައިގެންފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން މިރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ކޮމިޓީ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޖޭ.އެސް،ސީގެ ބައެއް މެންބަރުން ވިދާޅުވީ ޖުޑީޝަލް ސަރވިސްކޮމިޝަނުގެ މަސައްކަތް ވޭތުވެދިޔަ ފަސްއަހަރުވެސް ރަނގަޅަށް އަދާކުރެވިފައިނުވާކަމަށާއި ރަނގަޅަށް ޒިންމާއަދާކުރެވުނުނަމަ މިއަދު މިފެންނަ ފަނޑިޔާރުގެއަށްވުރެ މާރަނގަޅު ފަނޑިޔާރުގެއެއް ފެންނާނެކަމަށް ޤަބޫލުކުރެވޭކަމަށް މެންބަރުން ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން ޖޭއެސް.ސީއަށް އިންތިޚާބުކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޢީސާ ފުޅު ވިދާޅުވީ ޖޭ.އެސްސީން ކުރިއަށްގެންދާ ބައްދަލުވުންތަކުގައި ވޯޓުދޭނެ ގޮތަކާ ގުޅޭގޮތުން ސީދާ ވަކިގޮތެއް ސުޕްރީމް ކޯޓުން އަންގާފައި ނުވިނަމަވެސް ފަނޑިޔާރުންގެ ޕާފޯމެންސް ޤަވާއިދަށް ސުޕްރީމް ކޯޓުގެ ސިޓީއެއްގެ ސަބަބުން އެޅިފައިވާ ހުރަސްތަކުން އެކޯޓުގެ ނުފޫޒު ޖޭއެސްސީއަށް އޮތް މިންވަރު ހާމަވާކަމަށެވެ. އަދި ޖޭއެސްސީގެ މަސައްކަތް ހަރުދަނާކޮށް މިނިވަންކަމާއެކު ކުރިއަށްގެންދިމަށް މަޖިލީހުން މަގުފަހިކޮށްދެއްވުމަށްވެސް، އެކޮމިޝަނުގައި ފަސްއަހަރާއި ގާތްކުރާ މުއްދަތަކަށް އިންނެވި އީސާފުޅު ވިދާޅުވިއެވެ.

މިކޮމެޓީގައި ވާހަކަފުޅުދައްކަވަމުން ޖޭއެސްސީގެ މެންބަރު އަދި ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ވިދާޅުވީ މިދިޔަ ހަމަސްދުވަހުގެ ތެރޭގައިވެސް ޖޭ.އެސް.ސީއަށް ސުޕްރީމް ކޯޓުގެ ނުފޫޒު އެކި ސިފަ ސިފައިގައި ފޯރުވާފައިހުރިކަކަމަށެވެ. އަދި އެކަން ފޮނުވާފައިވާ އެކިއެކި ސިޓީން ހާމަވާކަމަށްވެސް ބަންޑާރަ ނާއިބު ވިދާޅުވިއެވެ. އަދި ޤާނޫނަކުން ފަނޑިއާރުންގެ ކަންކަން ބެލެހެއްޓުމައް އުފައްދާފައިވާ ޖޭއެސްސީފަދަ މިނިވަން މުއައްސަސާއަކަށް ވަކިގޮތަކަށް ކަންކަން ކުރުމަށް ސުޕްރީމް ކޯޓަސް ނޭންގޭނެކަމަށް ރިފްއަތު ވިދާޅުވިއެވެ.

ނަމަވެސް މިކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރުފިޔަވާ ސްޕްރީމްކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު އަދި ޖޭ.އެސްސީގެ ރައީސް އަލްއުސްތާޛު ޢަބްދުﷲ އަރީފް ވިދާޅުވީ ސުޕްރީމް ކޯޓުން އެއްވެސް ސިފައެއްގައި ޖޭ.އެސް،ސީއަށް ނުފޫޒު ފޯރުވާފައި ނުވާކަމަށެވެ. އަދި އެމަނިކުފާނު ޖޭ.އެސް.ސީގައި އިންނަވައިގެން ވަކިކަމެއް ވަކޮގޮތަކަށް ކުރުމަށް އަންގަވާފައި ނުވާނެކަމަށްވެސް ވިދާޅުވިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ބައްދަލުކުރައްވާފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ސަސްބެންޕެންޑުކުރުމަށް ޖޭއެސްސީން އިއްޔެ ނިމެމެވުމާއި ގުޅިގެން ސުޕްރީމް ކޯޓުން އެކަމާއި ގުޅިގެން އިތުރު އެއްވެސް ފިޔަވަޅެއް ޖޭއެސްސީން ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އަދި ސުޕްރީމް ކޯޓުގެ މި އަމުރަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދުސްތޫރީ އަދި ޤާނޫނީ ވާޖިބަށް ހުރަސްއަޅާ އަމުރެއްކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.