ޚަބަރު

ތިމާވެށި ހިމާޔަތްކުރުމާއި ގުޅޭ މަސައްކަތް ކުރުމަށް 10ސްކޫލަކަށް މާލީ އެހީ ދީފި


ތިމާވެށި ޙިމާޔަތްކުރުމާގުޅޭ މަސައްކަތްތައް ކުރުމަށް ދިހަ ސްކޫލަކަށް ހަލައްކަ ފަންސާސް ހާސް ރުފިޔާގެ އެހީއެއް އެންވަޔަރަމެންޓް މިނިސްޓްރީއިން ދެއްވައިފިއެވެ. "ސްޓޫޑެންޓްސް އޮފް އެންވާރަމެންޓް" ޕްރޮގްރާމްގެ ދަށުން މި އެހީ ދީފައިވަނީ، ތިމާވެށި ޙިމާޔަތްކުރުމަށް ސްކޫލްތަކުން ކުރަން ބޭނުންވާ މަސައްކަތްތަކާއި ގުޅޭގޮތުން ހުށަހެޅި ޕްރޮޕޯސަލްތަކަށް ބެލުމަށްފަހުއެވެ.

"ސްޓޫޑެންޓްސް އޮފް އެންވަޔަރަމެންޓް" ޕްރޮގްރާމަކީ، ދަރިވަރުންގެ މެދުގައި ތިމާވެއްޓާއިމެދު ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށީގެ މައްސަލަތަކާއިއމެދު ވިސްނައި، އެ މައްސަލަތައް ހައްލުކުރުމަށް ސްކޫލްތަކުގެ ފެންވަރުގައި މަސައްކަތް ކުރުމަށް ހިތްވަރުދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. އެގޮތުން ސްކޫލްތަކުންވަނީ ކުނި މަދުކުރުމާއި، ރިސައިކަލް ކުރުމާއި، ފަރުތައް ޙިމާޔަތް ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޕްރޮޕޯސަލް ހުށައަޅާފައެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް އެންވާރަމެންޓް މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ހުރިހާ ސްކޫލްތަކަށް ހުޅުވާލި ފުރުސަތުގައި 53 ސްކޫލަކުންވަނީ ޕްރޮޕޯސަލް ހުށައަޅާފައެވެ.
އެންމެ ރަނގަޅު 10 ޕްރޮޕޯސަލް ހުށަހެޅި ސްކޫލް ހޮވައި، މިނިސްޓްރީންވަނީ މި މަސައްކަތް ކުރުމަށް އެހީވުމަށް 10 ސްކޫލަށް ޖުމްލަ 650000 ރުފިޔާގެ އެހީ ދީފައެވެ. މިއީ ކޮންމެ ސްކޫލަކަށް 65000 ރުފިޔާއެވެ. މި ޕްރޮޕޯސަލްގައިވާ ކަންކަން ހާސިލްކުރުމާއި ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީއާއި، މި 10 ސްކޫލާދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިކަމަށްބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ހަސަން ވިދާޅުވި ތިމާވެށި ޙިމާޔަތްކުރުމަށް ކުރާ މަސައްކަތުގައި، ފަރުތައް ޙިމާޔަތްކުރުމަށް ޚާއްސަ އިސްކަމެއްދޭން ޖެހޭކަމަށެވެ. މިއީ ކުދި ޖަޒީރާ ރަށްތަށް ހިމާޔަތް ކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުކަމަށާ، ފަރުތަކާމެދު ދަރިވަރުންގެ ހިތްތަކުގައި ލޯބި ޖައްސުވަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކުނި ނޭޅުމާއި ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ސަބަބުން ދިމާވާ މައްސަލަ ކުޑަކުރުމަށް ފަރުދީ ގޮތުން ފިޔަވަޅު އަޅަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފަރުތަކަށް އިޚްތިރާމްކުރަންޖެހޭ. އަޙްލާގު ކިޔަވައިދޭއިރު ފަރުތަކަށް އަޅާލާ، އޭގެ އަސްލު ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ކުދިންނަށް ބާރުއަޅަންޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މިނިސްޓރ ވިދާޅުވީ ސްކޫލްތަކަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމްތައް ހިންގުމަކީ މިކަމުގެ ސީރިއަސްކަން ދަރިވަރުންނަށް އަންގައިދީ، ތިމާވެއްޓާމެދު ހޭލުންތެރިކުރުމަށް ކުރާ މުހިންމު މަސައްކަތެއްކަމަށެވެ. އަދި މާލީ އެހީ ނުލިބުނު ސްކޫލްތަކުންވެސް، ޕްރޮޕޯސަލްގައިވާ ކަންކަން ކުރުމަށް މަސައްކަތް ކުރުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.

"ދަރިވަރުންގެ ވިސްނުމަކަށް ވާންވާނީ ދެމެހެއްޓެނިވި ގޮތެއްގައި، މިކަންކަންކޮށް، ދެމެހެއްޓެނިވި ނަތީޖާއެއް ހާސިލްކުރުން. އަދި މިފަދަ ކަންކަން ސްކުލް ފެންވަރުގައި ދިރާސާކުރުން އިތުރުކުރަންޖެހޭ." މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

މިއީ މިނިސްޓްރީއިން ކުރިއަށްގެންދިޔަ މިފަދަ 2ވަނަ ޕްރޮގްރާމެވެ. ފުރަތަމަ ޕްރޮގްރާމްގައި 41 ސްކޫލުން ބައިވެރިވެފައިވެއެވެ.