ވިޔަފާރި

އިންކަމް ޓެކްސް ބިލް މިމަސް ނިމޭއިރު މަޖިލީހަށް ފޮނުވާނަން- ފިނޭންސް މިނިސްޓަރ


އިންކަމް ޓެކްސްގެ ބިލް އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މި ބިލް ފާސް ކުރުމަށް މިމަސް ނިމޭއިރު މަޖިލީހަށް ފޮނުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މިހާރު ކުރިއަށްދަނީ އިންކަމް ޓެކްސް ޤާނޫންގައި ހިމެނޭ ކަންތައްތަކާ ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުން ކަމަށެވެ.

"އަޅުގަނޑުމެން މި ގަސްދުކުރަނީ ޓެކްސޭޝަންގެ އެ ބިލް ވީހާވެސް އަވަހަކަށް މަޖިލީހަށް ފޮނުވުމަށް، މިހާރު ބިލްގެ މަސައްކަތް އެއްކޮށް ނިމިފަވަނީ، މިހާރު ކުރިއަށްދަނީ އިންކަމް ޓެކްސްގެ ޤާނޫން ސްޓޭކް ހޯލްޑަރސް ތަކާއި އެ ޤާނޫން ހިއްސާކޮށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާއި އިސްލާހުތައް ހިއްސާކޮށް، އެޔަށް ޑިބޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ، މިމަސް ނިމޭ އިރު މަޖްލީހަށް ފޮނުވޭ ވަރު ވާނެ،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖެއަށް އިންކަމް ޓެކްސް ތަޢާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން މަހަކު 60 ހާހާއި 100 ހާސް ރުފިޔާ ލިބޭ ފަރުދުންގެ އަތުން 3.5 އިންސައްތައަށް އިންކަމް ޓެކްސް ނެގުމަށާއި މަހަކު 100 ހާހާއި 150 ހާސް ރުފިޔާ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި އާމްދަނީގެ 6.5 އިންސައްތަ ނެގުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލްގައި ބަޔާންކޮށްފައިވެއެވެ.