ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ސަސްޕެންޑުކުރުމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދުސްތޫރީ އަދި ޤާނޫނީ ވާޖިބަށް ހުރަސްއަޅާ އަމުރެއްކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލަމުން ދާތީ އޭނާ ސަސްޕެންޑު ކުރުމަށް ނިންމި ނިންމުމަށް އަމަލުކުރުން ފަސްކޮށް އޭނާއާމެދު އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރުނު ނަމަވެސް ޖޭއެސްސީގެ ނިންމުމަކީ ތަންފީޒުވަމުންދާ، ދެމިއޮތް ނިންމުމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) އިން ލިބިފައިވާ ބާރަށް ހުރަސްއެޅޭގޮތަށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދުސްތޫރީ އަދި ޤާނޫނީ ވާޖިބަށް
ހުރަސްއަޅާ އަމުރެއްކަމަށެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިގޮތަށް ނިންމަވާފައިވަނީ އެ ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ސަސްޕެންޑުކުރަން ނިންމުމާ ގުޅިގެން އެ ނިންމުން ތަންފީޒްކުރުން މަޑުޖައްސާލުމަށް އަންގާ ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން މިއަދު އެކޮމިޝަނުން ބޭއްވެވި ކުއްލި ބައްދަލުވުމުގައެވެ. މިގޮތަށް ނިންމަވާފައިވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 08 މެންބަރުންގެ ތެރެއިން ރިޔާސަތު ފިޔަވައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 07 މެންބަރުންގެ ތެރެއިން 05 މެންބަރުންގެ އަޣުލަބިއްޔަތުންކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.
ޖޭއެސްސީގެ 6 މެންބަރުންގެ ސޮޔާއެކު ހުށަހެޅުނު ހުށަހެޅުމަކާ ގުޅިގެން ބޭއްވެވި މި ކުއްލި ޖަލްސާގެ ރިޔާސަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ އަރީފް އިންނެވުމާ ގުޅިގެން، މަސްލަހަތު ފުށުއެރުމެއް އޮތްކަމަށް މެންބަރަކު ހުށަހެޅުއްވުމާ ގުޅިގެން އެ ހުށަހެޅުއްވުމަށް ތާއީދުލިބި ފާސްވުމުން އެ ޖަލްސާފައި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ އަރީފް ބައިވެރިވެ ވަޑައިގެންފައި ނުވާކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ އާމެދު ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ މި ވަގުތީ ޢަމުރުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ގެ ސުލޫކީ މައްސަލައެއްގެ މިމަހުގެ ދެވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ އިތުރުން ޢާންމު ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ހުށައަޅާފައިވާ މައްސަލައެއްކަމަށް ފަނޑިޔާރު އަބްދުﷲ ދީދީ ސްޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅާފައިވާކަމަށެވެ.
އަދި ފަނޑިޔާރު ޢަބްދުﷲ ދީދީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުންނާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި، ފަނޑިޔާރު އަބްދުﷲ ދީދީ ހުށައަޅުއްވާފައިވާ ދުސްތޫރީ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާކަމަށްވެސް މިއަމުރުގައި ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުންވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އެ ނިންމުމާ ގުޅިގެން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ އާމެދު އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށްވެސް ސުޕްރީމް ކޯޓުން ވަނީ އަންގައި އަމުރު ކޮށްފައެވެ.