ކުރީގެ ރައީސްގެ ހަސިއްޔަތުން ލިބިވަޑައިގަންނަވާ އިނާޔަތުގެ ފައިސާއިން ބައެއް އުނިކުރަން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނިންމައިވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ ރައީސްކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކުގެ ތެރެއިން ބައެއް އިނާޔަތްތައް ދޫކޮށްލެވުމަށް ނިންމަވާ އެކަން ފިނޭންސް މިނިސްޓްރީއަށް އަންގަވާފައިވާކަމަށެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ އިނާޔަތްތަކުގެ ތެރެއިން ރައީސް ނަޝީދު ދެން ނަންގަވާނީ ސެކިއުރިޓީ އާއި އޮފީސް ހިންގުމަށް ދޫކުރާ 87،000 ރުފިޔާއެވެ.
ރައީސްކަން ކޮށްފައިވާ ފަރާތަކަށް ދައުލަތުން ދޭ އިނާޔަތުގެ ފައިސާގެ ތެރެއިން ރައީސް ނަޝީދު އުނިކުރަން ނިންމެވީ މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 75،000 ރުފިޔާއާއި އެކޮމަޑޭޝަންގެ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 10،000 ރުފިޔާއެވެ.
ރައީސްކަންކޮށްފައިވާ ފަރާތްތަަކަށް އިނާޔަތުގެ ގޮތުގައި ޖުމްލަ 172،000 ލިބެއެވެ.
19 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސްކަމަށް ނަޝީދު ހޮވިވަޑައިގަތުމުން މުސާރައިގެ ގޮތުގައި 53،125 ރުފިޔާއާއި އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ 20،000 ރުފިޔާއާއި އެކު ޖުމްލަ 73،125 ރުފިޔާ ލިބިލައްވައެވެ.
މި އަދަދުތަކަށް ބަލާއިރު ރައީސްކަމުގެ އިނާޔަތާއި މަޖިލިސް މުސާރައާއެކު ޖުމްލަ 245،125 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެހެންނަމަވެސް ރައީސްކަން ކުރެއްވުމުން ލިބިވަޑައިގެންނަވާ އިނާޔަތުން ބައެއް އުނިކުރަން ނިންމެވުމުން މަހެއްގެ މައްޗަށް ރައީސް ނަޝީދަށް މުސާރަ އާއި އެލަވަންސްތަކުގެ ގޮތުގައި 160،125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.