ކުޅިވަރު

ކްލަބް ލައިސަންސް ކަންތައްތައް ފުރިހަމަ ކުރުމަށް މިރޭ ބާރަ ޖަހަންދެން ނިލަންދުއަށް ފުރުސަތު ދީފި


ކްލަބް ލައިސަންސް ކަންތައްތައް ފުރިހަމަ ކުރުމަށް ނިލަންދުއަށް މިރޭ ބާރަ ޖެހުމާއި ހަމައަށް ފުރުސަތު ދީފައިވާކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނެފިއެވެ.

ކްލަބް ލައިސަންސްއާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް ވިދާޅުވީ، މިއަހަރުގެ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ނުވަ ކްލަބުގެ ތެރެއިން އަށް ކްލަބަކުން ކްލަބް ލައިސަންސްގެ ކަންތައްތައް ފުރިހަމަކޮށްފައިވާކަމަށެވެ. އަދި މިރޭ ބާރަ ޖެހުމާއި ހަމައަށް ލިޔެކިއުންތައް އަޕްލޯޑްކުރުމަށް ނިލަންދުއަށް އިތުރު ފުރުސަތެއް ދީފައިވާކަމަށް ޖަވާޒް ވިދާޅުވިއެވެ. ޖަވާޒް ވިދާޅުވީ ކްލަބް ލައިސަންސްއަށް އެދި އަޕްލޯޑް ކުރަން ޖެހޭ ލިޔެކިއުންތައް މިރޭ ބާރަ ޖެހުމުގެ ކުރިން އަޕްލޯޑް ކުރެވޭނެކަމުގެ ޔަގީންކަން ނިލަންދޫގެ މެނޭޖްމަންޓުން ދީފައިވާކަމަށެވެ. ނަމަވެސް މިރޭ ބާރަ ޖަހާއިރު ލިޔެކިއުންތައް ފުރިހަމަ ނުވާނަމަ، މި އަހަރުގެ ދިރާގު ދިވެހި ޕްރިމިއަރ ލީގުން ނިލަންދުއަށް ފުރުސަތު ގެއްލޭނެކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ.

"މިއަހަރުގެ ލީގުގައި ވާދަކުރާ ނުވަ ކްލަބުގެ ތެރެއިން އަށް ކްލަބަކުން ވަނީ ކްލަބް ލައިސަންސްއަށް ބޭނުންވާ ޑޮކިއުމަންޓްސްތައް އަޕްލޯޑްކޮށްފައި. މިހާތަނަށް މިކަން ފުރިހަމަ ނުކުރެވި އޮތް ހަމައެކަނި ޓީމަކީ ނިލަންދޫ. އަޅުގަނޑުމެން ވަނީ އެންމެ ފަހު ފުރުސަތެއްގެ ގޮތުގައި މިރޭ ބާރައިގެ ނިޔަލަށް ކްލަބް ލައިސަންސްއަށް ބޭނުންވާ ޑޮކިއުމަންޓްސް އަޕްލޯޑް ކުރުމަށް ފަހު ފުރުސަތު ދީފައި. އުއްމީދު ކުރަނީ ނިލަންދޫއާއެކު ލީގު ފެށޭނެކަމަށް." ޖަވާޒް ވިދާޅުވިއެވެ.

ކްލަބް ލައިސަންސްއަށް އެދި ހުށަހަޅަން ޖެހޭ ލިޔެކިއުންތައް އަޕްލޯޑްކުރުމަށް އެފްއޭއެމުން ފުރަތަމަ ކަނޑައަޅާފައިވަނީ މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ. އޭގެ ފަހުން ދެފަހަރެއްގެ މަތިން އެފްއޭއެމުން ވަނީ މި މުއްދަތު އިތުރުކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ކްލަބް ލައިސަންސިން އޮފިސަރު އަބްދުﷲ ޝީބާއު ވިދާޅުވީ، ކްލަބް ލައިސަންސް ސިސްޓަމާއި ގުޅޭގޮތުން ވަކި ވަކިން ކޮންމެ ކްލަބަކަށް މަޢުލޫމާތު ދީފައިވާކަމަށެވެ. އެގޮތުން، ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ މެމްބަރުންނާއެކު ވޯކްޝޮޕެއްވެސް ކުރިޔަށްގެންގޮސްފައިވާކަމަށް ޝިބާއު ވިދާޅުވިއެވެ.

އެފްއޭއެމްގެ މި ފަހަރުގެ ޤަވާއިދުގައިވާ ގޮތުން ލީގުގައި ވާދަކުރެވޭނީ އޭއެފްސީ ކްލަބް ލައިސަންސް ލިބޭ ޓީމުތަކަށެވެ. އެފްއޭއެމުން މިއަހަރުގެ ދިރާގު ދިވެހި ޕްރިމިއަރ ލީގު ފެށުމަށް ތާވަލްކޮށްފައިވަނީ މާދަމާ ރެއެވެ.