ޚަބަރު

އީޕީއޭއަށް ލިބެންޖެހޭ އިޚްތިޔާރާއި ޤާނޫނީ ބާރުތައް ދޭނަން - ރައީސް


އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއަކީ މިިނިވަން އިދާރާއަކަށް ހެއްދެވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިޙް ވިދާޅުވީ މި ބަދަލާއެކު އީޕީއޭއަށް ލިބެންޖެހޭ އިޚްތިޔާރުތަކާއި ޤާނޫނީ ބާރުތައް ލިބިގެންދާނެކަމަށެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރީގެ މިނިސްޓަރުންނަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. ރައީިސް ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓާއި، ރާއްޖެ ގުދުތަރީ ރީތިކަމާއި، ވަސީލަތްތައް މިގޮތުގައި ބޭއްވުމަކީ ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް މަސައްކަތް ކަމަށެވެ. އެގޮތުން މިސަރުކާރަކީ ހަމައެކަނި ތިމާވެށީގެ ކަންކަމަށް ޚާއްސަކޮށް މިނިސްޓްރީއެއް ހިންގަން ފެއްޓެވި، ހަމައެކަނި ސަރުކާރުކަން ރަޢީސުލްޖުމްހޫރިއްޔާވަނީ ފާހަގަކުރައްވާފައެވެ. ރައީސްވަނީ ވޭތުވެ ދިޔަ މާޒީގައި ސަރުކާރުގެ ތެރެއިން ތިމާވެށި، ހިމާޔަތްކޮށް، ތަންފީޒީ ގޮތެއްގައި ތިމާވެށި ޙިމާޔަތް ކުރެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކޮންމެ ދައުރެއްގައިވެސް ތިމާވެށި ޙިމާޔަތް ކުރުމަށް ލިބެންޖެހޭ ބާރު ތަކާއި، މަސައްކަތްތައް ކުރުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަތަކަކީ އިވޭ ވާހަކަތަކެއްކަން ފާހަަގަކުރެއްވިއެވެ. އެގޮތުން ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކުރިއަށްގެންދާ އެކި މަސައްކަތްތަކާއި، ގުދުރަތީ ވެށި ބޭނުންކޮށްގެން ކުރާ މަސައްކަތްތަކުގައި، ވެއްޓަށް ލިބޭ ގެއްލުމާއި މެދު އަޑު އުފުލައި އެކަން ހުއްޓުވުމަށް ލިބުނު ފުރުސަތު މަދުކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ހުއްޓުވައި، ތިމާވެށި ޙިިމާޔަތް ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރާ އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއަށް ބާރުތައް ދެއްވާނެކަމަށެވެ. އަދި މި މަސައްކަތް ހަރުދަނާ އުސޫލެއްގެދަށުން ފެއްޓެވުމަށް ތައްޔާރުވުމަށް، ސަރުކާރާއި، ކެބިނެޓް ތެރެއިން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައިސްވަނީ ވިދާޅުވެފައެވެ.

"އީޕީއޭ މިނިވަން ކުރާނަން. އީޕީއޭއަކީ ފުރިހަމަ އިޚްތިޔާރާއި، ޤާނޫނީ ބާރު ލިބޭ ތަނަކަށް ހެދުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. މިކަން ވަރަށް އަވަސް މުސްތަޤްބަލެއްގައި ކުރާނަން." ރައީސް ވިދާޅުވިއެވެ.

އެކިއެކި ތަރައްޤީގެ މަޝްރޫޢުތަކަށް ބިން ހިކުމާއި، އަދި ތަންތަނުން ވެލި ގެންދިއުމާއި، އަދި ރުއްގަސް އެއްރަށުން އަނެއް ރަށަށް ޤަވައިދާ ޚިލާފަށް ގެންދާ ވާހަކައަކީ ފަހަކަށް އައިސް އާއްމު ވާހަކަތަކެވެ. އަދި މި މައްސަލަ ހައްލު ނުވާކަމަށް ބުނެ އީޕީއޭއަށް ގިނަބަޔަކު އިނގިލި ދިއްކުރެއެވެ.

މި ބައްދަލުވުމުގައި ރައީސްވަނީ ތިމާވެށީގެ ޙިމާޔަތުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ގްރީން ޓެކްސްއިން ލިބޭ ފައިސާއަކީ ހަމައެކަނި ތިމާވެށި ޙިމާޔަތް ކުރުމަށް ހިންގާ މަޝްރޫޢުތަކާއި، މަސައްކަތްތަކުގައި ހޭދަކުރާ އެއްޗަކަށް ޙައްދަވައި، މި ފައިސާ ޖަމާކުރުމަށް ވަކި އެކައުންޓެއް ޙައްދަވާފައިވާކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. އަދި ޤަވައިދާ ޚިލާފައި ރުއްގަސް އެއްތަނުން އަނެއްތަނަށް ގެންދިއުން ހުއްޓުވުމާއި، އަދި މަޝްރޫޢުތައް ހިންގުމުގައި ވިހާވެސް ބޮޑަށް ތިމާވެއްޓަށް ގެންލުން ނުވާނެ ގޮތަށް ކަންކަން ބައްޓަން ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ރަޢީސް ވިދާޅުވީ ތިމާވެށި ޙިމާޔަތް ކުރުމުގެ މަސައްކަތުގައި، މިކަމާއި ގުޅޭ މަޢުލޫމާތު ތިބި ފަރާތްތަކުން، އަންނަން އޮތް ޖީލުތަކަށް މިކަމުގެ މުހިންމުކަން އަންގައިދީ، ތިމާވެށި ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން މިހާރުން ފެށިގެން ކިޔައިދޭންޖެހޭކަމަށެވެ.

"ތާރީޚްގެ ތެރެއިން ތިމާވެށީގެ ވަޒީރުން" ބައްދަލުވުމުގައި އެކި ދުވަސްވަރު ތިމާވެށީގެ މިނިސްޓަރުކަން ކުރައްވާފައިވާ 7 ބޭފުޅަކުވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.