ވިޔަފާރި

އެސްޑީއެފްސީ މެދުވެރިކޮށް 23 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ!


ކުދިފަންތީގެ ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ތަޢާރަފްކޮށްފައިވާ ބޭންކް، އެސްޑީއެފްސީ މެދުވެރިކޮށް 23 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ކުދިފަންތީގެ ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން، އެސްއެމްއީ ބޭންކެއް ޤާއިމްކުރެވި ބޭންކުން މިހާރު ޚިދުމަތްދެމުން އަންނަކަމަށެވެ. އެގޮތުން މިހަފްތާގެ ނިޔަލަށް ބޭންކަށް ލޯނަށް އެދި 250 އެޕްލިކޭޝަން ލިބިފައިވާކަމަށާއި އޭގެތެރެއިން 23 މިލިއަން ރުފިޔާގެ ލޯން މިހާރު ދޫކުރުމަށް ތައްޔާރުވެފައިވާކަމަށް ހުދު ވިދާޅުވިއެވެ.

"އެސްއެމްއީ ބޭންކެއް ޤާއިމްކުރެވި އެބޭންކުން މިހާރު ލޯން ދޫކުރަން ފެށިފައިވަނީ. މި ހަފްތާގެ ނިޔަލަށް 250 އެޕްލިކޭޝަން ލިބިފައިވޭ. އޭގެ ތެރެއިން 23 މިލިއަން ރުފިޔާގެ ލޯން މިހާރު ވަނީ އެޕްރޫވްކުރެވި ޑިސްޕާރސްކުރަން ތައްޔާރުވެފައި." ހޫދު ވިދާޅުވިއެވެ.

ކުދި ފަންތީގެ ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިއަށް ޚާއްސަކޮށްގެން އެސްޑީއެފްސީ ބޭންކްގެ ނަމުގައި ބޭންކެއް އުފައްދާފައިވަނީ މިއަހަރުގެ މާރޗްމަހުގައެވެ. ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ މި ކުންފުނި އުފައްދާފައިވަނީ މާލެ ސިޓީއާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ ކައުންސިލުގެ ފަހެއް އިންސައްތަ ހިއްސާ ހިމަނައިގެންނެވެ.

އެސްޑީއެފްސީ މެދުވެރިކޮށް 4 ދާއިރާއަކުން ލޯން ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އެ ހަތަރު ދާއިރާއަކީ ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓޫރިޒަމްގެ ދާއިރާއާއި ދަނޑުވެރިކަމާއި އުފެއްދުންތެރިކަމާއި ގުޅޭ ވިޔަފާރިތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއެވެ.

އެސްޑީއެފްސީއިން ދޫކުރާ ލޯންތަކުގެ ވަކި ބައެއް ޒުވާން ވިޔަފާރިވެރިންނާއި، އަންހެން ވިޔަފާރިވެރިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ޚާއްޞަ ކޮށްފައެވެ. އެގޮތުން އެސްޑީއެފްސީއިން ދޫކުރާ ލޯންތަކުގެ 20 އިންސައްތައަކީ އެފަރާތްތަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ ލޯންތަކެވެ.