ޚަބަރު

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަން ފަށައިފި


ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް މުޅި ދުނިޔޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރަން މިއަހަރު ފަށައިފިއެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 7 ވަނަ ދުވަސް. މިދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ނިންމާ ޚާއްސަ ޙަރަކާތްތަކެއްވެސް ވަނީ އިފްތިތާޙުކޮށްފައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް މިއަހަރު ފާހަގަކުރާއިރު މިދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ރާވާފައިވާ ޙަރަކާތްތައް އިފްތިތާޙްކޮށްދެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނެވެ. މިނިސްޓަރ އަމީންވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަރުދީ ގޮތުން މަސައްކަތްކުރުމަށް ވަޢުދުވުމުގެ ޙަރަކާތް ފެށްޓެވުމުގެ ގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމަށް ވަޢުދުވެވަޑައިގެންފައެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ޢާއްމުން ހޭލުންތެރިކުރުވައި ކާބޯތަކެތީގެ ޒަރިއްޔާއިން ދިމާވާ އިގްތިޞާދީ އަދި ސިއްޙީ މައްސައްލަތަކުން ސަލާމަތްވެތިބެ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމެވެ. މިރަސްމިައްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ މުހިއްމުކަމެކަމަށް ޤަބޫލުކުރެވުނުނަމަވެސް އެކަމަށް އެކަށީގެންވާ ފިޔަވަޅު މިހާތަނަށްވެސް އެޅިފައި ނުވަކަމަށެވެ. އެހެންކަމުން މިދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ސަބަބުން މިހާރަށްވުރެ ބޮޑަށް ޢާއްމުން ހޭލުންތެރި ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކަނޑައާޅާފައިވަނީ މިދިޔަ އަހަރުގެ ޖެނެރަލް އެސެމްބްލީގައެވެ. ޑަބްލިއު.އެޗް.އޯއިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖަރާސީމާއި ކެމިކަލް ފަދަ ތަކެތީގެ ސަބަބުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކަލާއި ކޮންމެ އަހަރަކު 600 މިލިއަން މީހުން ކުރިމަތިލައެވެ. އޭގެތެރިން ގާތްގަނޑަކަށް 4 ލައްކަ ވިހިހާސް މީހުން ކޮންމެ އަހަރަކު މަރުވެއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ބުނެފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވެއްޖެނަމަ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގައި ދުނިޔެ ދޫކުރާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުކުރެވޭނެކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުނުވުމުގެ ސަބަބުން އިގްތިޞާދީގޮތުން އަހަރަކު 95.2 ބިލިއަން ޑޮލަރުގެ ގެއްލުން އުފެއްދުންތެރިކަމަށް ވަމުންދާކަމަށް ވޯލްޑް ބެންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކަށް ބޭސްކުރުމަށް އަހަރަކު 15 ބިލިއަން ޑޮލަރު ޚަރަދުކުރާކަން އެއިދާރާއިން ހާމަކުރެއެވެ. އެހެންކަމުން މާލީ މިފަދަ ބޮޑެތި ގެއްލުންތަކުންވެސް އަރައިގަތުމަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން މުހިންމެވެ.

މިދުވަސް ފާހަގަކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތްކުރުމާއި ރައްކާތެރިކަމާއެކު ގޮވާންކުރުމާއި ވިޔަފާރި ހިންގާ ފަރާތްތަކުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމާއި އުފައްދާ ބާވަތްތަކާއި އެތެރެކުރާ ބާވަތްތައް ރައްކާތެރިތޯ ބެލުމާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް އެންމެން އަތުގުޅާލައިގެން މަސައްކަތްކުރުން ހިމެނެއެވެ.