ޚަބަރު

ކާބޯތަކެތި އިންސްޕެކްޓް ކުރުން، ހަރުދަނާކުރުމަށް މިދަނީ މަސައްކަތްކުރަމުން - ހެލްތު މިނިސްޓަރ


ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަދިވެސް ވަރަށްގިނަ މަސައްކަތް ކުރަން އެބަހުރިކަމަށާ އެކަމަށް ބެނުންވާ ވަޞީލަތްތައް ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް، ފާހަގަކުރުމަށް ރާއްވަވާފައިވާކަންކަން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ކަބޯތަކެތީގެ ރައްކާތެރިކަން އިންސްޕެކްޓް ކުރަން ޖެހޭ މިންވަރަށް އަދި ނުކުރެވޭކަމަށާ، އެކަމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. ކާބޯތަކެތި އިންސްޕެކްޓް ކުރމުގައި އިންސާނީ ވަޞީލަތް ވަރަށްބޮޑަށް އިތުރުކޮށް ތަރައްޤީކުރަން ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ވަނީ ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ ފަރާތްތަކާއި ވިޔަފާރިވެރިންނަށާއި އަދި ތަކެތި ގަންނަ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އަމިއްލަ ޒިންމާ ނެގުމަށް ގޮވާލައްވާފައެވެ. އަދި މިކަން މޮނީޓަރ ކުރުމަށް ބޭނުންވާ ޤާނޫނީ ބާރު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ ޤާނޫނަކުން ބާރުލިބިގެން ފިޔަވަޅު އެޅުމުގެ ކުރިން، ކާބޯތަކެތި އެތެރެކުރާ ފަރާތްތަކާއި ވިޔަފާރިވެރިން މިކަމަށް ތައްޔާރުވުމަށް ގޮވާލައްވާފައެވެ. ކާބޯތަކެތި ރައްކާތެރިކުރުމާގުޅޭ ޤާނުނަށް ބޭނުންވާނެ މަޢުލޫމާތު އެއްކޮށް ފަންނީ އަދި އިދާރީ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށްވެސް މިނިސްޓަރ އަމީން ވިދަޅުވިއެވެ.

"ޤާނޫނަކުން ބާރު ލިބިގެން ފިޔަވަޅު އެޅުމުގެ ކުރިންވެސް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވިދާނެކަންކަން އެބަހުރި. އެގޮތުން ފަރުދީގޮތުން ނަގަންޖެހޭ ޒިންމާ ކޮންމެ ފަރާތަކުންވެސް ނަގާނަމަ މިކަމަށް އެކަށީގެންވާ ހައްލެއް އަންނާނެކަމަށް އަޅުގަނޑު ޤަބޫލުކުރަން. ތަކެތި ގަންނަ ފަރާތްތަކުން ރަނގަޅަށް ލޭބަލްކޮށްފައި ނުހުންނަ ބާވަތްތަކާއި މުއްދަތި ހަމަވެފައިތޯ ރަނގަޅަށް ޗެކްކުރުމަށް އިސްކަން ދިނުމާއި ރާއްޖެއަށް މުދާ އެތެރެ ކުރާ ފަރާތްތަކުން އެތެރެ ކުރަނީ ރަނގަޅު ކޮލިޓީކަން ކަށަވަރު ކުރުމަކީ ވިޔަފާރިތަކުން ޒިންމާ ނަގައިފިނަމަ ހައްލުވާނެކަންކަން." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ވިދާޅުވީ ކާބޯތަކެތި ރައްކާތެރިކުމުގެ ދުވަހެއް ފުރަތަމަ ފަހަރަށް ފާހަގަކުރަން ފަށާފައިވާއިރު މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ކާބޯތަކެތީގެ އުފެއްދުމާއި އެތެރެ ކުރުމުގެ މަސައްކަތަކީ ހަމައެކަނި ވިޔަފާރީގެ ނަފާ ހޯދުމަށް ކުރާ މަސައްކަތެއްގެ ބަދަލުގައި ސިއްޙަތަށްވެސް ފައިދާހުރިގޮތެއްގައި ކުރެވޭ މަސައްކަތަކަށް ހެދުމަށް ހުރިހާ ފަރާތަކުންވެސް ގުޅިގެން މަސައްކަތްކުރުންކަމަށެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމްޢިއްޔާއިން ކަނޑައަޅާފައިވަނީ ކޮންމެ އަހަރެއްގެ ޖޫންމަހުގެ 7ވަނަ ދުވަހެވެ. އަދި މިދުވަސް ފާހަގަކުރުމަށް މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ކާބޯތަކެތީގެ ރައްކަތެރިކަން، އެންމެންގެ ކަމެއް." މިޝިޢާރެވެ.