ކުޅިވަރު

ކްރިކެޓް ވޯލްޑްކަޕްގައި އޮސްޓްރޭލިއާއިން ޕާކިސްތާން ބަލިކޮށްފި


އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާއިން ޕާކިސްތާނުގެ މައްޗަށް ކުރި ހޯދައިފިއެވެ.

އޮސްޓްރޭލިއާ އާއި ޕާކިސްތާނުގެ ކުރިމަތިލުން އޮސްޓްރޭލިއާއިން ކާމިޔާބުކުރީ 41 ލަނޑުންނެވެ.

މިމެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ އުކަންނެވެ. އެގޮތުން އޮސްޓްރޭލިއާއިން ވަނީ ފުރަތަމަ އިނިންގްސްގައި ކުޅެން އަރައި ސާޅީސް ނުވަ އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 307 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 107 ލަނޑު ހަދައި ސެންޗަރީއެއް ހެދި ޑޭވިޑް ވަރްނާއެވެ.

މި އިނިންގްސްގައި ޕާކިސްތާނުން އެންމެ ރަނގަޅަށް އުކީ 30 ލަނޑަށް ފަސް ވިކެޓުނެގި މުޙައްމަދު އާމިރުއެވެ.

ޖަވާބުގައި ކުޅެން އަރައި ޕާކިސްތާނަށް 45.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 266 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 53 ލަނޑު ހެދި އިމާމުލް ހަޤް އާއި 56 ލަނޑުހެދި މުޙައްމަދު ހަފީޒްއެވެ.

މި އިނިންގްސްގައި އޮސްޓްރޭލިއާއިން އެންމެ ރަނގަޅަށް އުކީ 33 ލަނޑަށް 3 ވިކެޓު ނެގި ޕެޓް ކަމިންސްއެވެ.