ކުޅިވަރު

ކޮޕަ އެމެރިކާގެ ފުރަތަމަ މެޗް ކާމިޔާބުކުރުން މުހިންމު - ޕެޒެއްލާ


ކޮޕް އެމެރިކާ ފަދަ ބޮޑު މުބާރާތެއްގައި އެންމެ މުހިންމު ވަނީ ފުރަތަމަ މެޗު ކާމިޔާބުކުރުން ކަމަށް އާޖެންޓީނާގެ ޑިފެންޑާރ ޕެޒެއްލާ ބުނެފިއެވެ.

އާޖެންޓީނާއިން މިފަހަރުގެ މުބާރާތުގައި ކުލޭ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހު ކޮލޮމްބިއާ އާއި ދެކޮޅަށް ނިކުންނައިރު، މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޑިފެންޑަރ ޕެޒެއްލާ ބުނީ، ކޮލޮމްބިއާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި، ނަމަވެސް ޕޮސިޓިވްކޮށް ވިސްނައިފިނަމަ ފުރަތަމަ މެޗުގައި ކޮލޮމްބިއާފަދަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ވަދަކުރުން އެއީ އެޑްވާންޓޭޖެއް ކަމަށެވެ.

އޭނާ ބުނީ މުބާރާތުގައި އެންމެ މުހިންމު މެޗަކީ ފުރަތަމަ މެޗު ކަމަށާއި، ފުރަތަމަ މެޗް ކާމިޔާބުކުރެވިއްޖެނަމަ މުބާރާތުގައި އިތުރަށް ކުރިއަށްދާން ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

ޕެޒެއްލާ ބުނީ ކޮލޮމްބިއާ އަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ ވަރުގަދަ ކުޅުންތެރިންވެސް ތިބި ޓީމެއް ކަމަށާއި، އައު ކޯޗާއިއެކު އެޓީމު އަންނަނީ ކުޅުމުގެ ވައްޓަފާޅި އަށްވެސް ވަރަށް ބޮޑަށް ބަދަލުގެންނަމުން ކަމަށެވެ.

އާޖެންޓީނާ އަކީ ފާއިތުވި ދެފަހަރުވެސް މުބާރާތުގެ ރަނަރަމް ޓީމެވެ. އެންމެ ފަހުން ފައިނަލުގައި ޗެމްޕިއަން ޗިލީ އަތުން އާޖެންޓީނާ ބަލިވީ ޕެނަލްޓީޖަހައިގެންނެވެ.

އާޖެންޓީނާ ވަނީ މިމުބާރަތް ސާދަ ފަހަރު އުފުލާލާފައި. ނަމަވެސް އެގައުމުން އެންމެ ފަހުން މުބަރާތް ކާމިޔާބުކުރީ 1993ވަނަ އަހަރުއެވެ.