ކުޅިވަރު

ނިއު ހަލާކުކޮށްލީ އަޅުގަނޑެއްނޫން، ހިންގަންތިބި މީހުން - ޒިޔާދު


ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލާގައި ފީފާ އާއި އެފްއޭއެމުގެ ސަސްޕެންޝަން ކުރިމަތިވެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ކުޅުމުގެ ފުރުސަތު ގެއްލުނީ އޭނާގެ ސަބަބުން ނޫން ކަމަށް ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު މިހެން ވިދާޅުވީ ކުލަބު ހަލާކުކޮށްލީ ޒިޔާދު ކަމަށް ބުނެ ނިއުގެ ބާނީ ކުއީން އަހުމަދު ވަހީދު ވާހަކަދެއްކުމުންނެވެ.

މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި ޒިޔާދު ވިދާޅުވީ ނިއު އަކީ މުސާރަދީފައި ފުލްޓައިމް ޖެނެރަލް ސެކްރެޓަރީއެއް ބެހެއްޓި ހަމައެކަނި ކުލަބު ކަމަށެވެ. އަދި ޓީމުގެ ހުރިހާ ސްޓާފުންނަކީ ވެސް މުސާރަ ހިނގާ ބައެއް ކަމަށެވެ. މިހެންވުމުން ކުލަބު ހިންގުމުގައި ދުވަހުން ދުވަހަށް އޭނާ އުޅުއްވަން ނުޖެހޭ ކަމަށާއި ފީފާ އާއި އެފްއޭއެމަށް ޖަވާބުދާރީ ނުވެ އޮތީ ކުލަބުގެ ޖެނެރަލް ސެކްރެޓަރީ ކަމަށެވެ.

ކުރިން ދިވެހި ސިފައިންގެ ކުލަބު ވެސް ހިންގެވި ޒިޔާދު ވިދާޅުވީ މިދިޔަ އަހަރު މުސާރައިގެ މައްސަލަތައް ދިމާވި ނަމަވެސް ނިއު އަށް އޭނާގެ އަމިއްލަ ޖީބުން މިދިޔަ ދެ އަހަރު ގިނަ ހޭދަތަކެއް ކޮށްފައިވާ ކަމަށެވެ. މިހެންވެ ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބު އޭނާ ހަލާކުކޮށްލީ ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަމަށެވެ.

ޒިޔާދު ވިދާޅުވީ އޭނާ ވަރަށް އަވަހަށް މާލެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި ނިއު އަށް ދިމާވެފައިވާ މާލީ މައްސަލަތަކުން އަރައިގަތުމަށް އެހީތެރިކަން ވެސް ފޯރުކޮށްދޭން މިހާތަނަށް ހުންނެވީ ތައްޔާރަށް ކަމަށެވެ. ނމަވެސް އޭނާގެ އިސްތިއުފާދޭން މަޖުބޫރު ކުރުވީ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއްނެތި ކަމަށެވެ.

ޒިޔާދުގެ ޗެއާމަންކަމުގެ ފުރަތަމަ އަހަރު ނިއު އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބެވެ. އަދި މިދިޔަ އަހަރުގެ ސީޒަނުގައި ވެސް ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމަކީ ނިއު އެވެ.