ކުޅިވަރު

ޢީދު ބައިބަލާ 1440 ގެ ސެމީ ފައިނަލުގެ ދެ މެޗު މިރޭ


މިހާރު ކުރިޔަށްދާ ޢީދު ބައިބަލާ 1440 ގެ ސެމީ ފައިނަލުގެ ދެ މެޗު މިރޭ ކުޅުމަށް ހަމަޖައްސައިފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ މުބާރާތުގެ ސެމީ ފައިނަލުގެ ދެ މެޗާއި ފައިނަލް މެޗު ކުޅެން ކުރިން ހަމަޖައްސާފައި އޮތްނަމަވެސް އެރޭ ކުޅެމުންދިޔަ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގެ ވަކި ހިސާބަކުން މެޗު ކުރިޔަށް ނުގެންދެވިގެން ވަނީ ކުޅުން މެދުކަނޑާލާފައެވެ.

މިހެން ދީމާވީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރި ކުޑަހެންވެއިރު ޔުނައިޓެޑާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ފުރަތަމަ ގޭމުގެ ތެރެއިން ރެފްރީ ނިންމި ނިންމުމަކަށް ކްލަބް ގްރީން ސްޓްރީޓުގެ އޮފިޝަލުން ދެކޮޅު ހަދަން ފެށި ހިސާބުން. ދޮޅު ގަޑިއިރަށްވުރެއް ގިނަ އިރު ބައިބަލާ އެސޯސިއޭޝަންގެ މެމްބަރުންނާއި ރެފްރީން އަދި ގްރީން ސްޓްރީޓުގެ އޮފިޝަލުން މަޝްވަރާކުރުމަށްފަހުވެސް އެރޭ މެޗު ކުރިޔަށްގެންދެވޭގޮތް ވަނީ ނުވެފައެވެ.

ބައިބަލާ އެސޯސިއޭޝަންގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ސެމީ ފައިނަލުގެ ދެ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާކަމަށެވެ.

މިރޭ ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ކުޑަ ހެންވެއިރު ޔުނައިޓެޑެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ވީކޭ ސްޕޯޓްސް ކްލަބާއި ކްލަބް ޓީނޭޖެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭއެވެ.