ޚަބަރު

އެއަރޕޯޓާއި ދަރުމަވަންތަ ހޮސްޕިޓަލް އިންޑިއާއަށްދޭކަށް ނިންމާފައެއްނުވޭ - ތަރުޖަމާނު


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ހިންގުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމަށް ނިންމާފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިކަން ހާމަކުރައްވާފައި މިވަނީ އިންޑިއާގެ ޖީ.އެމް.އާރު ކުންފުނީގެ މުވައްޒަފުންތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރޭގައި ހަރަކާތްތެރިވާ ފޮޓޯތަކަކާއެކު، އެއަރޕޯޓު ހިންގުމާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ހިންގުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރަން އުޅޭކަމަށްބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރެމުންދަނިކޮށެވެ.

ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތުދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހިމް ހޫދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ދަރުމަވަންތަ ހޮސްޕިޓަލްގެ ހިންގުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަޤީޤަތެއްނެތް ވާހަކަތަކެއްކަމަށެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދާދިފަހުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންވެސް އެފަދަ އެއްވެސް ނިންމުމެއް ނިންމާފައިނުވާކަމަށާއި، އެކަމާގުޅޭގޮތުން ދެ ޤައުމުގެ ދެމެދު މަޝްވަރާވެސް ކުރައްވާފައިނުވާކަމަށް ހޫދު ވިދާޅުވިއެވެ.

"ޖީ.އަމް.އާރު ބޭފުޅުން އެއަރޕޯޓުންވެސް ފެނިދާނެ.. އަހަރަކު ގާތްގަނޑަކަށް މިލިއަނެއްހާ ޓޫރިސްޓުން ރާއްޖެއަންނައިރު ޖީއެމްއާރުގެ މީހަކުވެސް އައިސްދާނެ ރާއްޖެއަށް ޗުއްޓީއެއް ހަދާލަންވެސް.. ޖީ.އެމްއާރަށް އެއަރޕޯޓު ނުވަތަ އެނޫންވެސް އެހެންތަނެއް އިންޑިއާއަށް ދިނުމަށް އެއްބަސްވެފައެއްނެތް.. އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވެސް އެފަދަ ތަނެއް ހޯދާކަށް މަޝްވަރާކުރެވިފައެއްނުވޭ.." ހޫދު ވިދާޅުވިއެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބުކަން ފާހަގަކުރައްވާ ރައީސްގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށްވެސް ކާމިޔާބު ދަތުރުފުޅެއްކަމަށާއި، މި ދަތުރުފުޅުގެ ތެރެއިން މުހިއްމު މަޝްވަރާތެކެއް ކުރެވިގެންދިޔަކަމަށެވެ. ހޫދު ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖެއާއި ގާތްގުޅުމެއް ބާއްވާ ޤައުމެއްކަމަށާއި، ނަމަވެސް އެކަމުގެ ސަބަބުން އެހެން ޤައުމުތަކާއެކު އޮންނަ ގުޅުމަށް ހީނަރުކަމެއް ގެނެއުމަކީ ސަރުކާރުގެ ވިސްނުމެއްނޫންކަމަށެވެ.

"އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް.. މިއީ ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީއާވެސް ގުޅިފައިވާކަމެއްކަމަށް އަޅުގަނޑު ޤަބޫލުކުރަން.. މީގެކުރިންނަމަ އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު މި އޮންނަނީ ދެ ޤައުމަކަށް ފޯކަސްވެފައި.. އެކަމު މިހާރު އެކަން ވަރަށް ބޮޑަށް ބަދަލުވެއްޖެ.." ހޫދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަށް ހީނަރުކަން އައިސްފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށްވަޑައިގެން އިންޑިއާއާއެކު އޮތްގުޅުން ހަރުދަނާކުރުމަށް ވަނީ މަސައްކަތްކުރައްވާފައެވެ.