ޚަބަރު

އަލުން ހުޅުވާލުމުން އެއްދުވަސްތެރޭ 62 ދަރިވަރުން ލޯނަށް އެދިއްޖެ


މަތީ ތަޢުލީމުގެ ލޯނަށް އެދުމަށް އަލުން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 62 ދަރިވަރުން ލޯނަށް ކުރިމަތިލާފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވަނީ ހާމަކޮށްފައެވެ. މަތީ ތަޢުލީމުގެ ލޯނަށް އެދުމަށް 242 ޖާގަ ވަނީ މިނިސްޓްރީން ކަނޑައަޅާފައެވެ.

މަތީ ލޯނަށް މިދިޔަ މާޗުމަހު ހުޅުވާލި ފުރުސަތުގައި 993 ދަރިވަރުން ލޯނަށް އެދި ހުށައަޅާފައިވެއެވެ. އެހެންނަމަވެސް އެކި ސަބަބުތަކާއި ހުރެ ޝަރުތު ހަމަވެ ލޯން ލިބުނީ 79 ދަރިވަރަކަށެވެ. ލޯނަށް ކުރިމަތިލީ ގިނަ ކުދިންގެ ފޯމްތައް ފުރިހަމަ ނުވާކަމަށް ބުނެ އެ ފޯމްތައް ކެންސަލްކުރުމުން ގިނަ ބައެއްގެ ފާޑިކިޔުންތައް މިނިސްޓްރީއަށް އަމާޒުވިއެވެ. އަދި އެކަންކަން ހައްލުކުރުމަށްފަހު އުސޫލު މުރާޖާކޮށް އަލުން ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަންގާރަ ދުވަހުއެވެ. ލޯނަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ މިމަހުގެ 24 ވާ ހޯމަދުވަހެވެ.

ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައި މިވަނީ ދަރިވަރުން ބޭނުންވާ ޤައުމަކަށް ކިޔަވަން އެދި ހުށައެޅޭ ގޮތަށް ބަދަލުކުރުމަށްފަހުއެވެ. މިލޯނަށް ކުރިން އެދުނު ފަރާތްތަކުގެ އެޕްލިކޭޝަންތަކަށް މިހާރު ފެންނަން ހުންނާނެކަމަށާއި މައްސަލަ ޖެހުނު ބައި އެކަނި ރަގަޅުލުރުމުން އަނެއްކާވެސް ފޯމް ބަލައިގަންނާނެކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.