ތަޢުލީމު

އެޑިއުކޭޝަން މިނިސްޓްރީގެ އާ ޕީއެސްއަކަށް އަޙްމަދު ޢަލީ


އެޑިއުކޭޝަން މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަޙްމަދު ޢަލީ މިއަދު އައްޔަނުކުރައްވައިފިއެވެ.

އަޙްމަދު އަލީއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް ޝަހީދު މުހައްމަދެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އައު ޕީއެސްގެ މަޤާމަށް މިއަދު އައްޔަނުކުރެއްވި އަޙްމަދު އަލީ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން އިން ބެޗްލަރ އޮފް ޓީޗިންގް ސެކަންޑަރީ ފުރިހަމަކޮށްފައެވެ. އަދި 2008 ވަނަ އަހަރު އިންޑިއާގެ މައިސޫރު ޔުނިވަރސިޓީ އިން މާސްޓަރ އޮފް އެޑިޔުކޭޝަން އިން ސްކޫލް މެނޭޖްމަންޓް ޙާޞިލްކޮށްފައިވެއެވެ.

އަޙްމަދު އަލީ އަކީ ސަރުކާރަށްއެކި ވަޒީފާތަކުގައި 10 އަހަރު ޙިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2000 ވަނަ އަހަރު އޯލެވެލް ނިންމުމަށްފަހު ވަގުތީ ޓީޗަރެއްގެ ވަޒީފާ އަދާކުރަން ފެށި ހިސާބުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ދައުލަތުގެ އެކި ވަޒީފާތަކުގައި ވަނީ މަސައްކަތްކޮށްފައެވެ. 2013 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމަށް އައްޔަނު ކުރެވުނު ހިސާބުން ފެށިގެން އެ ކޮމިޝަނުގެ ޑިވިޝަން ހެޑެއްގެ ޒިންމާ އަދާކޮށްފައިވެއެވެ. އަދި 2015 ގައި އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރުމާ ހިސާބުން ފެށިގެން ފެބުރުވަރީ 2018 ގެ ނިޔަލަށް އެ ކޮމިޝަނުގެ އިދާރާ ހިންގުމުގެ އެންމެ އިސް ވެރިއެއްގެ ޒިންމާ ވެސް ވަނީ އަދާކޮށްފައެވެ.

އަޙްމަދު އަލީ ވަނީ 2013-2008 ވަނަ އަހަރުގެ ނިޔަލަށް 3 ސުކޫލެއްގައި ޕްރިންސިޕަލެއްގެ ވަޒީފާވެސް އަދާކޮށްފައެވެ.

އެޑއުކޭޝަންގެ ޕީއެސްއެގެ މަޤާމަށް އާ ބޭފުޅަކު ހަމަޖައްސާފައި މިވަނީ އެ މަޤާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު މިދިޔަ އޭޕްރިލްމަހު ވަކިކުރުމަށްފަހުއެވެ. ސައީދު މަޤާމުން ވަކިކޮށްފައިވަނީ ސިވިލް ސާވިސް ކޮމިޝަނަށް ހުށައެޅި މައްސަލައެއް އެ ކޮމިޝަނުން ބެލުމަށްފަހުއެވެ

މިދިޔަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންނަށް ކެމްޕެއިން ކޮށްދެއްވުމުގައި އުޅުއްވި ސައީދުގެ މައްޗަށް އެޑިއުކޭޝަނުން ވަނީ ތިން ތުހުމަތެއްކޮށްފައެވެ. އެއީ ތައުލީމީ ދާއިރާގެ މުވައްޒަފެއް، ރަސްމީ ގަޑީގައި މުލީއާގެ އަށް ގޮސް ރިޔާސީ އިންތިޚާބުގެ ހަރަކާތްތަކުގައި ބައިވެރިވުމާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޒާތީ މައުލޫމާތު މުލީއާގެ އާއި ހިއްސާކުރުމާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރި ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމުގައި ހުށަހަޅާފައިވާ ލިޔުންތައް ސައްހަތޯ ބެލުމެއްނެތި އެމީހުން ވަޒީފާއިން ވަކިކުރުމެވެ.

މި ތުހުމަތުތައް ސައީދު ވަނީ ދޮގުކުރައްވާފައެވެ. އަދި އެ މައްސަލަ ކޯޓަށް ހުށައަޅުއްވާނެކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.