ޚަބަރު

ކޮރަޕްޝަނާއި ގުޅޭ 400އަށްވުރެ ގިނަ މައްސަލަ ހުށަހަޅައިފި


ކޮރަޕްޝަނާއި ގުޅޭ މައްސަލަތައް ހުށައެޅުމަށް ރައީސް އޮފީހުން ޤާއިމުކުރި އޮންލައިން ޕޯޓަލަށް މިހާތަނަށް ހަތަރު ސަތޭކައަށްވުރެ ގިނަ މައްސަލަތައް ހުށައެޅިފައިވާކަމަށް ރައީސުލްޖޫމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ "ޒީރޯ ޓޮލަރަންސް ޓު ކޮރަޕްޝަން" ކެމްޕެއިން ލޯންޗްކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުއެވެ. އެ ކެމްޕެއިންގެ ދަށުން ސަރުކާރުގެ އިދާރާތަކާއި ސަރުކާރުގެ ވެރިންނާއި ގުޅޭ ކޮރަޕްޝަން މައްސަލަތައް ހުށައެޅުމަށް ރައީސް އޮފީހުން ވަނީ ޕޯޓަލެއް ޤާއިމުކޮށްފައެވެ.

މިސަރުކާރުގެ މަސައްކަތްތައް ހިގަމުންދާ ގޮތާ ގުޅޭ މަޢުލޫމާތު ޢާއްމުކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ހަތަރު ސަތޭކައަށްވުރެ ގިނަ މައްސަލަތައް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށައަޅާފައިވާކަމަށެވެ. އޭގެތެރެއިން ސުވާލު އުފޭދޭ އަށާރަ މައްސަލައެއް އޮތުމުން އެ މައްސަލަތައް ތަހުޤީގުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަމަށްވެސް ހޫދު ވިދާޅުވިއެވެ.
"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވަނީ 17 ނޮވެންބަރު 2018ގައި ކޮމިޝަނެއް އުފައްދަވާފައެވެ.

މި ކޮމިޝަންގެ މަސައްކަތަކީ ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމެވެ. ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ޚިޔާނަތްތަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަހުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި ޤާނޫނީ ޒިންމާ އަދާކޮށްފައި ނުވާތީކަމަށާ، އެ މައްސަލަތައް ބެލުންކަމަށް ކޮމިޝަނެއް އުފެއްދެވީ އެހެންވެގެންކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ އެއްވެސް ތަފުސީލެއް މިހާތަނަށް އަދި ޢާއްމުކޮށްފައި ނުވާތީ އެކަމާއި ގުޅިގެން ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެ ކޮމިޝަންގެ މަސައްކަތްތައް ހިގަމުންދަނީ ވަރަށްވެސް ސްޕީޑް ދަށްކޮށްކަމަށެވެ.

އެކަން އެގޮތަށްވީ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް މަޖިލީހަށް ހުށައެޅި ބިލުން އެކަން ހާސިލުނުވުމުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު އަލުން އެ ބިލަށް މަޖިލީހުގައި ބަހުސްކުރަމުންދާއިރު އެބިލް ވީ އެންމެ އަވަހަކަށް ފާސްވެ ކޮމިޝަންތަކަށް ބާރު ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ހޫދު ވިދާޅުވިއެވެ.