މުނިފޫހިފިލުވުން

"ދަޢުވަތު - ބިރުން ފިއްކަނޑައިގެންދާވަރުވޭ"


ވީ މީޑިއާގެ ފުރަތަމަ ފީޗަރ ފިލްމް "ދަޢުވަތު" އޮލިމްޕަހުގައި ޕްރިމިއަރކޮށްފިއެވެ.

ރޭ އޮލިމްޕަހުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި މިފިލްމް ޕްރިމިއަރކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނުގެ އަރިހުގައި ވިލާ ކޮމްޕެނީގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާޞިމް އިބްރާހީމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ފިލްމް ޕްރިމިއަރކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ޤައުމެއް ބިނާވާނީ އެ ޤައުމެއް ކިޔައިދޭ ވާހަކައިންކަން ފާހަގަކުރައްވައި ފިލްމް އިންޑަސްޓްރީއަކީ ޤައުމުގެ ވާހަކަތައް ކިޔައިދޭ އެންމެ މުހިއްމު އަދި އެންމެ ބާރުގަދަ މީޑިއަމްކަމަށް ވިދާޅުވެފައެވެ. އަދި 80 ގެ އަހަރުތަކުގައި ރާއްޖެއަށް ފީޗަރ ފިލްމްތައް ތަޢާރަފުވީ ހިސާބުން، ފާއިތުވި ދުވަސްތަކުގެ ތެރޭގައި މި ދާއިރާ ކުރިއަރާފައިވާ މަންޒަރު ވަޒަންކުރެވޭކަމަށާ، ކުރިއަށްއޮތްތަނުގައިވެސް ރާއްޖޭގެ ވާހަކަތައް ގިނަގިނައިން އިވި، ފިލްމްތަކުން ހިތްހަމަޖެހުމާއި މުނިފޫހިފިލުވުން ލިބިގެންދިއުމަކީ އެމަނިކުފާނު ކުރައްވާ އުއްމީދެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހި ފިލްމް "ދަޢުވަތު"އަކީ ރާއްޖޭގެ ސިނަމާތަކަށް މިހާތަނަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމުގެ ގޮތުގައި ވީ މީޑިއާއިން ފާހަގަކުރެއެވެ. މަޝްހޫރު އެކްޓަރ އަދި ޑިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށްފައިވާ މިފިލްމް ބިނާކޮށްފައިވަނީ ސިޙުރުގެ ނުރައްކާތެރިކަމާއި، އެކަމުގެ ސަބަބުން ބައެއްގެ ދިރިއުޅުން ބަރުބާދުވެގެންދާގޮތުގެ މައްޗަށެވެ. އަދި މިއީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގާފައިވާ ހަޤީޤީ ޙާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ވީ މީޑިއާގެ ފިލްމް "ދަޢުވަތު"ގެ އޮފިޝަލް ޓްރެއިލަރ

މިފަދަ ފިލްމެއް ބެލުންތެރިންނާހަމައަށް ގެނެސްދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ސިޙުރުގެ ނުރައްކާތެރިކަން އޮތް މިންވަރު އާއްމުންނަށް އަންގައިދީ، އެކަމުގެ ސަބަބުން ތަޙައްމަލުކުރަންޖެހޭ ހިތްދަތި އަދި އެހާމެ ބިރުވެރިކަންކަން ދައްކައިދީ، އެކަމާމެދު އާއްމުން ހޭލުންތެރިކުރުންވުންކަމަށް ވީމީޑިއާއިން ބުނެފައިވެއެވެ.

މި ފިލްމްގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދަނީ މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު) އަދި "ފޯޓީ ޕްލަސް" އިން ފިލްމީ ދާއިރާއަށް ތައާރަފްވި އައިމިނަތު ޒިޔާދާއެވެ.

ދަޢުވަތުގެ ފުރަތަމަ ޝޯވ ރޭ އޮލިޕްމަހުގައި ދައްކާފައިވާއިރު، ފިލްމް ބެލި ގިނަ ފަރާތްތަކަކުން ވަނީ ފިލްމުގައި ހަރަކާތްތެރިވާ ތަރިން ދައްކުވައިދީފައިވާ އެކްޓިންއަށް ތާރީފުކޮށްފައެވެ. އަދި މިއީ ތަފާތު ދައްކުވައިދިން ފިލްމެއްކަމަށާއި، ބިރުންތިބެގެންވިޔަސް ބަލާލަން ހިތްގައިމު ފިލްމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކޮށްފައިވެއެވެ.

ދަޢުވަތުގެ ޖުމްލަ 15 ޝޯވ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ 5 ޝޯވގެ ޓިކެޓްތައް ވިކި ހުސްވެފައިވާކަމަށް ވީ މީޑިއާއިން ބުނެއެވެ. އޮލިމްޕަހުގެ އިތުރުން އަތޮޅުތަކުގައިވެސް މި ފިލްމް އަޅުވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ވީ މީޑިއާއިން ވަނީ ހުޅުވާލާފައެވެ.