ޚަބަރު

ދިވެހިން، ހަނގުރާމައަށް ދިއުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަނީ


އެހެން ގައުމުތަކުގައި ކުރަމުންދާ ހަނގުރާމަތަކަށް ދިވެހިން ދިއުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑަައަޅުމުގެ ގާނޫނަށް ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި އަމަލުކުރަން ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ބަންޑާރަ ނައިބު އެގާނޫނުގެ ޑްރާފްޓް އެކުލަވާލައި ނިންމާލާފައިވާއިރު،  މިހާރު އެއަށް ބޭނުންވާ ޚިޔާލު ހޯދަންޖެހޭ ފަރާތްތަކުން ޚިޔާލުވެސް ހޯދާ ނިމިފައިވާކަމަށެވެ.އެހެން ގައުމުތަކުގައި ކުރަމުންދާ ހަނގުރާމަތަކަށް ދިވެހިން ދިއުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅިގެން ދިއުމުން، މިގާނޫނުގެ ދަށުން އެފަދަ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމާއި، އެނބުރި އައުމަކީ ކުށެއްކަމަށް ކަނޑައެޅިގެންދާނެއެވެ.މިހާތަނަށް އެއީ ކުށެއްކަމަށް ކަނޑައަޅަފައި ނެތުމުން ގިނަ ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް  ހޯމް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާރު އެފަދަ ތުހުމަތެއް ކުރެވި، މީހަކު ހުއްޓުވި ނަމަވެސް  ބަހައްޓަންޖެހެނީ ދޫކޮށްލެވި ފައިކަމަށެވެ. ނަމަވެސް މިކަން ކުށެއްގެ ގޮތުގައި ގާނޫނޫގައި ކަނޑައެޅިގެން ދިއުމުން، ހަނގުރާމައަށް ދާކަމަށް މީހެއްގެ މައްޗަށް ތުހުމަތު ކުރެވިއްޖެނަމަ، އެމީހަކު ގޭބަންދުކޮށް، ބައެއް ހާލަތްތަކުގައި  ޖަލަށް ލުމުގެ ހުއްދަވެސް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ފުރަތަމަ ކަމަކަށް، އެތުހުމަތު ކުރެވޭ މީހެއްގެ ގެއަށްވަދެ  ގެ ފާސްކޮށް، އެކަމާއި ގުޅޭއެއްވެސް ލިޔެކިޔުމެއް ހުރިތޯ ބަލާނެ ކަމަށާއި، އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އެމީިހަކު ހުއްޓުވާ، ކޯޓަށް ހާޒިރުކޮށް އޭނާގެ މައްޗަށް ދައުވާކޮށް ހުކުމް ކުރެވޭނެކަންވެސް އެގާނުނޫގައި ކަނޑައެޅޭނެކަމަށް މިނިސްޓަރ އުމަރު ވިދާޅުވިއެވެ.ހޯމް މިނިސްޓަރ ވިދާޅުވީ، މިކަންތައް ގާނޫނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ބާރުމިނަށް ބަލާއިރު، ލަސްތަކެއް ނުވެ ގާނޫނަކަށްވެ އެއަށް އަމަލްކުރަން ފެށޭނެއެވެ.