ވިޔަފާރި

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 5 މަސްދުވަހުގެތެރޭ 331.7 މިލިއަން ރުފިޔާ


އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 5 މަސްދުވަހުގެތެރޭގައި ދައުލަތަށް 331.7 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ، 1 މޭ 2017 ނުވަތަ އެ ދުވަހުގެ ފަހުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއަރޕޯޓް ސަރވިސް ޗާޖްގެ އިތުރުން، ނެގޭ ފީއެކެވެ.

މި ފީ ނެގޭ ރޭޓަކީ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރެވެ. މި ފީއިން އިސްތިސްނާ ކުރެވިފައިވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ނެރެފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މޭމަހުގެ ނިޔަލަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި އެކާވީސް މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ ތިންސަތޭކަ ތިރީސް އެކެއް ޕޮއިންޓް ހަޔެއް މިލިއަން ރުފިޔާއެވެ. މި އަދަދަކީ ހުސްވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %4،5 އިތުރު އަދަދެކެވެ.

މަހުން މަހަށް ބަލާއިރު މޭމަހު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި، 64.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ހުސްވި އަހަރުގެ މޭމަހު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު 57.6 މިލިއަން ރުފިޔާ އާ އަޅާ ބަލާއިރު %6 އިތުރު އަދަދެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަތުން އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 2017ވަނަ އަހަރުގެ މޭމަހުގެ އެއްވަނަ ދުވަހުއެވެ. އަދި މި ފީތައް މީރާއަށް ޖަމާކުރަން ފަށާފައިވަނީ އެ އަހަރުގެ ޖޫންމަހުން ފެށިގެންނެވެ.