ޚަބަރު

މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އަނިޔާ އެއް ނުކުރޭ- ޕޮލިސް


މިމަހުގެ އެއްވަނަދުވަހު މާލޭގައި ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އެއްވެސް މީހަކަށް އިންސާނިއްޔަތާއި ހިލާފްއެއް އެއްވެސް އަމަލެއްކޮށް އަނިޔާކޮށްފައިނުވާނޭކަމަށް ފުލުހުން ބުނެފިއެވެ.ފުލުހުން މިހެން ބުނެފައިމިވަނީ  ހައްޔަރުކުރި މީހުންނާއި މެދު ލާއިންސާނީ އަމަލުތައް ހިންގާކަމަށާއި  ބަންދުކުރުމަށްފަހު ބައެއް ކުށްވެރިންނަށް އަނިޔާކުރަމުންދާކަމަށް އެމްޑީޕީން ބުނެފައިވަނިކޮށެވެ.ނޫސްވެރިންނާއި ބައްދަލްކޮށް އިދިކޮޅު ފަރާތަކުން އިއްޔެ ބުނީ ދޫނިދޫ ބަންދުގައި ބަހައްޓާފައިވާ މީހުންނަށް ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތުވެސް ފުލުހުން ހަމަޖައްސާދީފައިނުވާކަމަށެވެ.ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާރޓްމެންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ނިޒާމް ވިދާޅުވީ މުޒާހަރާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މީހުން ބައިތިއްބާފައި ތިބީ މީހުން ތިބުމަށް އެކަށޭނެ ތަންތަންތާގައިކަމަށެވެ. އަދި މިތަންތަން ހިއުމަންރައިޓްސް ކޮމިޝަނަށް ދައްކާފައިވާއިރު މިހާތަނަށް އެއްވެސް  ޝަކުވާއެއް އައިސްފައިނުވާކަމަށްވެސް ނިޒާމް ވިދާޅުވިއެވެ.ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުންގެ ތެރެއިން ބައެއް މީހުން މާލެ ގެންނަ ވަގުތު ބަލިކަމަށް ހެދިގެން އުޅޭކަން ފާހަގަކުރަމުން އޭނާ ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނެތްކަމަށާއި ބަލިވެގެން އެދުނު ދެ މީހަކު މާލެ ގެނެސް ޑޮކަޓަރަށް ދައްކާފައިވާކަމަށެވެ. އަދި ބަންދަށް ގެނައި އެންމެންނަށްވެސް 24 ގަޑިއިރު ހަމަވުމުގެ ކުރިން ވަކީލުންނާއި އާއިލާ މީހުންނާއި ބައްދަލަކުރުމުގެ ފުރުސަތު ދީފައިވާއިރު މިހާރުވެސް ވަކީލުންނާއި ބައެއް މީހުން ބައްދަލްކުރަމުންދާކަމަށް ނިޒާމް ވިދާޅުވިއެވެ.މިމަހުގެ އެއްވަނަދުވަހު މާލޭގައި ކުރި މުޒާހަރާއި ގުޅިގެން ސަތޭކަ ހަތްދިހަ ފަސްމީހުންނަށް ވުރެ ގިނަ މީހުން ފުލުހުންގެ ބަންދުގައި ތިބި އިރު މި އެންމެނަށްވެސް ފަނަރަ ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ޖަހާދީފައެވެ.ބަންދުގައި ތިބި މީހުންގެ ތެރެގައި އެމްޑީޕީގެ ޗެއަރޕާރސަން އަލީ ވަހީދާއި  އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އިތުރުން  ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހިމްވެސް ހިމެނެއެވެ.