ޚަބަރު

ނުނިމި ހުރި މައްސަލަތައް ބަލަން ޖޭއެސްސީ މެމްބަރުން ކޮމެޓީއަށް ހާޒިރުކުރަނީ


ޖުޑީޝަލް ސާރވިސް ކޮމިޝަން ( ޖޭއެސްސީގައި) ކުރިޔަށް ނުގޮސް ހުރި މައްސަލަތަކީ ކޮބައިތޯ ބެލުމަށް އެ ކޮމިޝަންގެ މެމްބަރުން ރައްޔިތުން މަޖލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފައިފިއެވެ. ޖޭއެސްސީގެ މެމްބަރުން ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ މާދަމާ ރެއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަނަށް މިހާތަނަށް ހުށައަޅާފައިވާ މައްސަލަތަކުން ކޮމިޝަނުން ނިންމުމެއް ނިންމާފައި ނުވާ މައްސަލަތަކާއި އެ މައްސަލަތައް ގޮސްފައިވާ ހިސާބު އެގޭނެ ގޮތަށް އެ މައުލޫމާތުތައް މީޑިއާ މެދުވެރިކޮށް އާއްމުކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސްގެ ރީސް މުހައްމަދު ނަޝީދުވެސް ވަނީ ގޮވާލައްވާފައެވެ.

ޖޭއެއެސްސީން ބަލާ މައްސަލަތަކުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަޤާމަށް އެމީހަކު ޤާބިލްނޫންކަމަށް ނުވަތަ އެމަޤާމާ އެކަށީގެންނުވާ ފަދަ ޢަމަލެއް އެފަނޑިޔާރު ކޮށްފައިވޭތޯ އާއި ފަނޑިޔާރެއްގެ ހުރުން ލާޒިމް ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވެފައިވޭތޯ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަޑާއި ޚިލާފު ވެފައިވޭތޯ ބެލުން ހިމެނެއެވެ.

ޖޭއެސްސީގައި ރައީސް ނަޝީދުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައެޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނާއި އުއްތަމަ ފަނޑިޔާރު ފިޔަވާ ސްޕްރީމްކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ އަރީފާއި ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު އަބްދުލް ރައޫފް އިބްރާހީމާއި ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޢީސާ ފުޅާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅުއްވި މެމްބަރު އަލްއުސްތާޛު އަބްދުލް ޙަންނާން އަޙްމަދާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމާއި ރައީސުލްޖުމްޙޫރިއްޔާގެ މެމްބަރު އަލްއުސްތާޛު މަސްތޫރު ޙުސްނީ އާއ ބަންޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލްކަންކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން ވަކީލުން އިންތިޚާބު ކުރެއްވި ޤާނޫނީ ވަކީލު
އަލްއުސްތާޛާ ލަތީފާ ޤާސިމްއެވެ.

ފަނޑިޔާރުން ފިޔަވާ ޖުޑިޝަރީ ދާއިރާއާއި ގުޅޭ މައްސަލަތައް ބެލުމުގެ ބރު ރައްޔިތުން މަޖިލީހުން ހަވާލުކޮށްފައިވަނީ ޖުޑީޝަރީ ކޮމެޓީ އާއި އެވެ. އޭގެތެރޭގައި ޕްރްސެކިއުޓަރ ޖެނެރަލާއި އެޓާނީ ޖެނެރަލާއި ގުޅުން ހުރި މައްސަލަތައްވެސް ބަލާނީ އެ ކޮމެޓީންނެވެ.