ސިޔާސީ

ރާއްޖޭގައި ދީނީ މިނިވަންކަމަކަށް ޖާގައެއްނުދެވޭނެ - ދުންޔާ


ދިވެހިރާއްޖެއަކީ، ޒަމާނުންސުރެ އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާ
އެއްގޮތަށް ވެރިކަން ހިންގަމުންދާ ޤައުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް
އިސްލާމްދީނުގެ މަތިވެރި އުސޫލުތަށް ޙިމާޔަތް ކުރުމުގައި ރާއްޖެ ދެމި އޮންނާނެކަމަށް
ފޮރިން މިނިސްޓަރ ދުންޔާ މަޢުމޫން ވިދާޅުވެއްޖެއެވެ.



ޔުނިވާރސަލް ޕީރިއޮޑިކް ރިވިއުގެ ރާއްޖޭގެ
ސެޝަންގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ،
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރޭގައި ޒަމާނުންސުރެ އަމަލުކުރަމުން ދިޔަ
އިސްލާމުދީނުގެ މަތިވެރި އުސޫލުތައް ސަރުކާރުން ދިފާއުކުރާނެކަމަށެވެ. ޔޫޕީއާރގެ
ރާއްޖޭގެ ސެޝަން ފެށުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން، 2010 ވަނައަހަރު އޮތް
ރާއްޖޭގެ ޔޫޕީއާރ ސެޝަންއިން ހުށައަޅާފައިވާކަންކަން ފުރިހަމަ ކުރެވުނު މިންވަރަށް
މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ. އެހެންނަމަވެސް އޭގެތެރެއިންވެސް އިސްލާމީ
ޝަރީއަތާ ޚިލާފުކަންމަށް އަމަލުކޮށްފައިނުވާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.




" ވޭތުވެދިޔަ 800 އަހަރުންސުރެ
ރާއްޖޭއަކީ އިސްލާމީ ޤައުމެއް. ރާއްޖޭގެ ވެރިކަންހިންފުމުގެ ނިޒާމު ޒަމާނުންސުރެ
ބައްޓަންވެފައިވަނީ އިސްލާމުދީނުގެ މަތިވެރި އުސޫލުތަކާ އެއްކޮށް. އަދި މިހާރު
އެކަންކަމަކީ ރާއްޖޭގެ ތާރީޚާ ސަޤާފަތާއި ގުޅިފައިވާކަންކަން. ރާއްޖޭގެ
ޤާނޫނުއަސާސީއާއި ޤާނޫނުތަށްވެސް ބައްޓަންކުރެވިފައިވަނީ އިސްލާމްދީނުގެ
އުސޫލުތަކާ ތަޢާރަޒު ނުވާގޮތަށް. "



" އެހެންކަމުން އެއްޖިންސުން
ގުޅުން ހިންގުންފަދަ އިސްލާމްދީނާ ޚިލާފުކަންކަމަށް ރާއްޖޭގައި ފުރުސަތެއް
ނުދެވޭނެ. އަދި އިސްލާމު ދީނުގެ އަސްލު އުސޫލުތަކަށް ރާއްޖޭގެ ޤާނޫނީ ނިޒާމު
ތެރޭގައި ހިމެނުމަށް ކަމާބެހޭ ފަރާތްތަކާ މިދަނީ މަޝްވަރާކުރަމުން. މީގެ އިތުރުން
ރާއްޖޭގައި ދީނީ މިނިވަންކަން ނުލިބޭގޮތަށް ޤާނޫނީ ނިޒާމު ބައްޓަންވެފައި
އޮތްއޮތުމަކަށް ބަދަލެއް ނާންނާކެމަމުގެ ޔަޤީންކަން އަރުވަން. "



ބައިނަލްއަޤްވާމީ ގޮތުން -- އިންސާނަކަށްވީތީ ލިބެންޖެހޭ ހައްޤުތައް ކަމަށް
ކަނޑައަޅާފައިވާ ދީނީ މިނިވަންކަން ރާއްޖޭގައި ދެވެން ނޯންނާނެކަމަށާއި، އެކަމަކީ
ރާއްޖޭގައި ޒަމާނުއްސުރެ ހިފަހައްޓަމުންގެންދާ އިސްލާމްދީނުގެ އުސޫލުތަކަށް ބުރޫއަރާނެކަމެއްކަމަށް
ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލްޤައްޔޫމްވެސް ތަކުރާރުކޮށް
ވިދާޅުވަމުންގެންދަވައެވެ. އަދި ސަރުކާރުން ރާއްޖޭގައި އިސްލާމީ ޝަރިއްއަތް
ތަންފީޒު ކުރާނެކަމަށް ރައީސުލްޖުމުހޫރިއްޔާ އެކިފަހަރުމަތިން ވަނީ ވިދާޅުވެފައެވެ.




މިއަދުވެސް ދިވެހި ސަރުކާރުގެ އެންމެ އިސް ލީޑަރުން ގަބޫލުފުޅުކުރައްވަނީ، ރާއްޖޭގެ
ޤައުމިއްޔަތާއި ޤާނޫނީ ނިޒާމުގެ މައި ތަނބަކީ އިސްލާމްދީން ކަމަށާއި، މިކަން
ބައިނަލްއަޤުއާމީ މުޖުތަމައުގައި ސަރުކާރުން ދިފާއުކުރަމުންގެންދާނެކަމަށެވެ.



ރާއްޖޭގެ ޔޫ.ޕީ.އާރް ސެޝަނަށްފަހު ޑެންމާކުން ނެރެފައިވާ ބަޔާނެއްގައި
ރާއްޖެއާއިބެހޭގޮތުން ހުށަހެޅިފައިވާ ހުރިހާ ރެކޮމެންޑޭޝަންތަކަށް ރާއްޖެއިން
އަމަލުކޮށްފައިނުވާތީ ކަންބޮޑުވާކަން ފާޅުކޮށްފައިވެއެވެ.



ޔޫ.ޕީ.އާރު ސެޝަންގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ ދުންޔާ މައުމޫން
ވިދާޅުވީ، ރާއްޖޭގައި އިސްލާމީ އުސޫލުތަށް ދެމެހެއްޓުމަށް ސަރުކާރުން ބާރު އެޅިކަމުގައިވިޔަސް،
ދީނީކަންކަމުގައި ހައްދުފަހަނައަޅާ ދިއުމަށް ދިވެހިސަރުކާރުން ދެކޮޅުހަދާކަމަށެވެ.
އަދި ރާއްޖޭގައި އަބަދުވެސް ތަންފީޒު ކުރަމުންދަނީ އިސްލާމް ދީނުގެ މެދުމިނުގެ
ސިޔާސަތުތަށް ކަމަށާއި، އިސްލާމް ދީނުގެ ނަމުގައި ބައެއް ފަރާތްތަކުން ހިންގާ
ޓެރެރިޒަމްގެ އަމަލުތައް ކުއްވެރިކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި
ހައްދުފަނަހަ އަޅާފައިވާ ފަރާތްތަކުން ހިންގާ ޓެރެރިޒަމްގެ އަމަލުތަކުގައި
ދިވެހިންގެ ބައިވެރިވުން ކުޑަކުރުމަށް، ބޮޑެތި އަދަބުތަކެއް ހިމެނޭގޮތަށް އެފަދަ
އަމަލުތަށް ހުއްޓުވުމާ ބެހޭ ޤާނޫނެއް ވަރަށް އަވަހަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް
ހުށައަޅާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.