ޚަބަރު

ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފެމެލީކޯޓް އިސްގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށްފި


ސުޕްރީމްކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކޮށްފިއެވެ.

ޖޭއެސްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ސެކެރަޓެރީ ޖެނެރަލްގެ މަސްއޫލިއްޔަތާއި ހަވާލުވެ ހުންނެވި ހަސަން ޒަހީން ވިދާޅުވީ ފަނޑިޠާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރީ އެ ފަނޑިޔާރާއި ގުޅިގެން ހުށައެޅިފައިވާ މައްސަލައެއް ފުލުހުން ތަހުޤީގުކުރަމުން ގެންދާތީކަމަށެވެ. އަދި އެ މައްސަލަ ހުށައެޅުއްވީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ބައިވެރިވެޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މައްސަލަ ހުށައެޅުއްވި މަޖިލިސްގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް މި ބައްދަލުވުމުގައި ބައިވެރިވެޑައިގަތެވެ.

އެނގިފައިވާ ގޮތުގައި ނަޝީދު ހުށައެޅުއްވީ އެމަނިކުފާނަށް ޖަލު ހުކުމެއް އިއްވަން ސުޕްރީމްކޯޓްގެ ބެންޗުގައި ހިމެނިވަޑާއިގަންނަވާ އަބްދުﷲ ދީދީ އެއްމިލިއަން ރުފިޔާ ނެންގެވިކަމަށް ބުނާ މައްސަލައެކެވެ. މި ފައިސާ ޖަމާކޮށްފައިވަނީ އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރު މެލޭޝީޔާގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އަދި މި ފައިސާ ޖަމާކޮށްފައިވަނީ 2015 އަހަރުއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި ކުރިމިނަލްކޯޓްގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރެވެ. އަދި އެ މައްސަލަ އަވަސް އަރުވާލައިގެން ކުރިޔަށް ގެންދާކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުންތައް އާމަޒުވިއެވެ. އަދި އެ މައްސަލަ ނިމުނުތާ މާ ގިނަދުވަސްތަކެއް ނުވަނީސް އަބްދުﷲ ދީދީ ވަނީ ހައިކޯޓްގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަންކޮށްފައެވެ.

އަބްދުﷲ ދީދީ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެ ވާހަކަތައް ދޮގުކުރައްވާ އަބްދުﷲ ދީދީ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ޚައްގު ނޫން ފައިސާއެއް އޭނާއާއި ގުޅުންހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެކަމަށެވެ.

ޖޭއެސްސީން ވަނީ ފެމެލީކޯޓްގެ އިސް ގާޒީ ހަސަން ސައީދުވެސް ސަސްޕެންޑްކޮށްފައެވެ. ޒަހީން ވިދާޅުވީ ހަސަން ސައީދުވެސް ސަސްޕެންޑްކުރީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ދެ ފަނޑިޔާރުން ސަސްޕެންޑްކުރުމުގެ އިތުރުން ތިނަދޫ މެޖިސްޓްރޭޓްކޯޓްގެ ފަނޑިޔާރު އިބްރާހިމް ރަޝީދު މަޤާމުން ވަކިކުރުމަށްވެސް ޖޭއެސްސީން ނިންމާފައެވެ. އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ. މީ ޖޭއެސްސީގެ ތާރީހުގައިވެސް ފަނޑިޔާރެއް ވަކިކުރަން ނިންމި ފުރަތަމަ ފަހަރެވެ.