ރާއްޖެ އިޝްތިހާރުކުރުމަށް ބާއްވާ އެކއެކި ހަރަކާތްތަކުގައި ބޭނުންކުރާ އަތް ދަބަސް ފަރުމާކޮށްގެން ފަންސަވީސް ހާސް ރުފިޔާ ލިބޭ މުބާރާތަށް ފަރުމާތައް ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފަރުމާކުރުން ހިމެނޭ ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ތާރީޙަކަށް ކުރިން ކަނޑައެޅި ތާރީޙަކީ މިމަހުގެ އެގާރަވަނަ ދުވަހެވެ. އެހެން ނަމަވެސް މިހާރު މުއްދަތު އިތުރުކޮށް ޕްރޮޕޯސަލް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ މިމަހުގެ 27 ވަނަ ދުވަހުގެ ތިނެއް ޖެހުމުގެ ކުރިން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ރާއްޖެ އިޝްތިހާރުކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ ހަރަކާތްތަށް ހިމެނޭހެން ކޮންމެ އަހަރަކުވެސް ވިއްސަށްވުރެ ގިނަ ހަރަކާތެއްގައި އެމްއެމްޕީއާރުސީން ދަނީ ބައިވެރިވަމުންނެވެ.
މި ހަރަކާތްތަކުގައި ބޭނުންކުރާ އަތް ދަބަހަކީ ރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންކުރާ މުޙިއްމު އެއްޗަކަށްވާއިރު ރާއްޖެއިން ބައިވެރިވާ ފެއަރތަކާއި ރޯޑް ޝޯވްތަކުގައިވެސް ރާއްޖޭގެ ސްޓޭންޑުން ދޫކުރާ އަތް ދަބަހަށް ބޮޑު ސަމާލުކަމެއް ލިބޭކަން އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ.