ކުޅިވަރު

ޔޫރޯ ކޮލިފައިންގެ ގްރޫޕް ޖޭގެ އެއްވަނަ އިޓަލީ ހޯދައިފި


މާކޯ ވެރާއްޓީ ބޮސްނިއާ ކޮޅަށް ޖެހި ގޯލުން 2-1އިން މޮޅުވެ ޔޫރޯ ކޮލިފައިންގެ ގްރޫޕް ޖޭގެ އެއްވަނަ އިޓަލީ ހޯދައިފިއެވެ.

އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖެހީ ބޮސްނިއާއިންނެވެ. މެޗުގެ 32 ވަނަ މިނިޓްގައި މި ގޯލް ޖަހައިދިނީ އެޑެން ޒެކޯއެވެ.

ފަހަތުން އަރައި އިޓަލީ މޮޅުވި މެޗުގައި އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ 49 ވަނަ މިނިޓްގައި އިންސީނޭއެވެ. މިޑްފީލްޑަރު ވެރާއްޓީ ގޯލު ޖެހީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށެވެ.

މިއާއެކު އިޓަލީ އަށް ޓޭބަލުގެ ކުރި ލިބެނީ 12 ޕޮއިންޓާއެކު. ދެ ވަނާގައި 9 ޕޮއިންޓާއެކު އޮތީ ފިންލެންޑެވެ.

އެންމެ ފަހުގެ ޔޫރޯ އަށް ކޮލިފައިނުވެ ކަޓާފައިވާ އިޓަލީގެ މިހާރުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ މި މޮޅަކީ ވަރަށް މުހިންމު މޮޅެއް ކަމަށެވެ.

ބޮސްނިއާ އަކީ ތަޖުރިބާކާރު ކުޅުންތެރިން ތިބި މޮޅު ޓީމެއް ކަމަށާއި މެޗު ވަރަށް ގިނަ ގޮތްގޮތުން އުނދަގޫވި ކަމަށެވެ.