ޚަބަރު

ޔޫރޯ ކޮލިފައިން ތާވަލްގެ ކުރިއަށް ފްރާންސް ޖެހިލައިފި


އެންޑޯރާ 4-0އިން ބަލިކޮށް ޔޫރޯ ކޮލިފައިން ތާވަލްގެ ކުރިއަށް ފްރާންސް ޖެހިލައިފިއެވެ.

ފްރާންސްގެ ފުރަތަމަ އެގާރައަށް ކޯޗު ޑިޑިއޭ ޑެޝޯން ހަތް ކުޅުންތެރިން ބަދަލުކޮށްގެން ކުޅުނު މެޗުގައި އެންޑޯރާ ކޮޅަށް ލަނޑު ޖެހީ ކޭލިއަން އެމްބާޕޭ އާއި ބެންޔެޑާ އަދި ތުއަވިން އާއި ޒޫމާއެވެ.

ފްރާންސަށް ޓޭބަލުގެ ކުރި ލިބުނީ އައިސްލޭންޑް އަތުން ތުރުކީ 2-1އިން ބަލިވުމުން. ފްރާންސާއި އައިސްލޭންޑް އަދި ތުރުކީ އަށް ވެސް ގްރޫޕް އެޗްގައި ލިބިފައިވަނީ 9 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން ފްރާންސްގެ ފަހަތުން ދެ ވަނަ ލިބެނީ ތުރުކީ އަށެވެ.

މެޗަށް ފަހު ކޯޗު ޑެޝޯން ބުނީ މިއީ އަލްބޭނިއާ މެޗުގެ ކުރިން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ހާއްސަކޮށް ޓީމާ އަލަށް ގުޅުނު ކުޅުންތެރިން ރަނގަޅަށް ކުޅެ ލަނޑު ޖެހުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.