ކުޅިވަރު

ރެފްރީ ޝިފާން އެނބުރި ދަނޑަށް


ދޮޅު އަހަރަށްފަހު މަޝްހޫރު ރެފްރީ ޝިފާން އެނބުރި ދަނޑަށް ނިކުމެއްޖެއެވެ.

މިހާރު ސްޕޯޓްސް އެވޯޑުގެ އެންމެ މޮޅު ރެފްރީގެ މަގާމުވެސް ހޯދާފައިވާ ތަޖުރިބާކާރު ރެފްރީ 2017ވަނަ އަހަރަށްފަހު ދަނޑުމަތިން ފެނިފައި ނުވާއިރު އޭނާ އަންނަނީ މިހާރު އއ.ތޮއްޑޫގައި ކުރިއަށްދާ ބްރައިޓް ޗެލެންޖް ކަޕުގައި ރެފްރީކަން ކުރަމުންނެވެ.

ރެފްރީ ޝިފާން ބުނީ، އޭނާ ބޮޑު ބްރޭކެއް ނަގަން ޖެހުނީ 2017ވަނަ އަހަރުގެ ފަހުކޮޅު ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށެވެ.

ދޮޅު އަހަރު ދުވަހުގެ ބޮޑު ބްރޭކެއް ނަގަން ޖެހުނު ސަބަބު ތަފްސީލުކޮށްދެމުން ޝިފާން ބުނީ، ކަކުލުގައި ވަރަށް ކުރީންސުރެ ތަދެއް ހުންނަ ކަމަށާއި، ނަމަވެސް 2017ވަނައ އަހަރުގެ ފަހުކޮޅުގައި އޭއެފްސީއަށް އެލީޓްވުމަށް ތަންކޮޅެއް ބުރަކޮށް މަސައްކަތް ކުރަމުން ދަނިކޮށް ކަކުލުގެ ލިގަމެންޓަށް ބޮޑު އަނިޔާއެއް ލިބުނީ ކަމަށެވެ.

ޝިފާން ބުނީ އެހިސާބުން ރެފްރީކަން ކުރުމާއި ދުރަށްދާން ޖެހުނު ކަމަށާއި، ނަމަވެސް ފުރަތަމަ މަސައްކަތް ކުރީ ސާޖަރީއަށް ނުގޮސް އަނިޔާއިން ރަނގަޅުވާން ކަމަށެވެ. އެގޮތުން ތަފާތު ޑޮކްޓަރުންނަށް ދައްކައި ދިވެހި ބޭސްވެސް ކުރިކަމަށް ޝިފާން ބުންޏެވެ.

ޝިފާން ބުނީ އަނިޔާއިން ރަނގަޅު ނުވެވިގެން ސާޖަރީ ހަދަން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ކަމަށެވެ. އަދި ސާޖަރީއަށްފަހު ރިހެބިލިޓޭޝަންގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު މިހާރު މުޅިން ރަނގަޅުވެފައިވާ ކަމަށްވެސް ޝިފާން ބުންޏެވެ.

ޝިފާން ހުރީ ދޮޅު އަހަރަށްފަހު އަނެއްކާވެސް ގަލޮޅު ދަނޑުގައި މެޗުތަކަށް އިންސާފުކުރުމުގެ އުންމީދުގައެވެ. އެގޮތުން ޝިފާން ބުނީ، އުންމީދަކީ މިއަހަރުގެ ދިވެހި ލީގުގެ ކުރީކޮޅުގައި ދަނޑަށް ނިކުތުން ކަމަށެވެ.

ޝިފާން ބުނީ އަނިޔާއިން އެއްކޮށް ރަނގަޅުވި ނަމަވެސް އަދި ފިޓްނެސް ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭކަމަށެވެ.

ފާއިތުވި އަހަރުގެ ފުޓުބޯޅަ ސީޒަންގައި ދިވެހި ލީގުގެ އެއްވެސް މެޗަކުން ޝިފާން ފެނިގެން ގޮސްފައެއް ނުވޭ. ނަމަވެސް އިންޓަ ސްކޫލުގެ ހަތަރު މެޗެއްގައި ޝިފާން ވަނީ ރެފްރީކަން ކޮށްދީފައެވެ.

ޝިފާން ބުނީ އަނިޔާގެ އެއްވެސް މައްސަލައެއް މިހާރު ނެތްކަމަށާއި، ނަމަވެސް ގަލޮޅު ދަނޑުން އަލުން ފެންނަން ބޭނުންވަނީ މީގެ ކުރިންވެސް ރެފްރީކަން ކުރި ފެންވަރަށް ރެފްރީކަން ކުރެވޭވަރަށް ފިޓު ވެގެން ކަމަށެވެ.
ޝިފާން ބުނީ މިފަހަރުގެ އަނިޔާއިން ރަގަނޅު ވުމުގައި ހާއްސަކޮށް އަންހެނުންގެ ބުރަ މަސައްކަތް ފާހަގަކޮށްލެވޭކަމަށާއި މިފަހަރު އެބުރި ދަނޑަށް އާދެވުނީ އަންހެނުންގެ ބުރަ މަސައްކަތުންކަމަށް. އަދި ކުރީގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް އާއި ގައުމީ ޖޫނިއަރ ޓީމްގެ ޑޮކްޓަރ ތޯރިގުގެ މަސައްކަތްވެސް ފާހަގަކޮށްލެވޭކަމަށް ޝިފާން ބުނެފިއެވެ.

ރެފްރީ ޝިފާން އަކީ 2014، އަދި 2015ވަނަ އަހަރުގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދި ތަޖުރިބާކާރު ރެފްރީއެކެވެ.