ކުޅިވަރު

ހަމަނުޖެހުން އުފެދި ބައިބަލާ މުބާރާތް ކުރިއަށް ނުގެންދެވި ހުއްޓާލައިފި


މިހާރު ކުރިޔަށްދާ ޢީދު ބައިބަލާ 1440 ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ހިނގާދިޔަ ހަމަނުޖެހުމުގެ ސަބަބުން މުބާރާތް ކުރިޔަށް ނުގެންދެވިގެން ހުއްޓާލައިފިއެވެ.

މުބާރާތް ކުރިޔަށް ނުގެންދެވިގެން ހުއްޓާލީ ރޭ ކްލަބް ގްރީން ސްޓްރީޓްސް އާއި ކުޑަ ހެންވޭރު ޔުނައިޓެޑް ބައްދަލުކުރި ސެމީ ފައިނަލުގެ ފުރަތަމަ މެޗުގެ ތެރެއިންނެވެ.

މެޗު ހުއްޓާލަން ޖެހުނީ ރެފްރީގެ ނިންމުމަށް ކްލަބް ގްރީން ސްޓްރީޓުގެ އޮފިޝަލުން ދެކޮޅު ހަދަން ފެށި ހިސާބުންނެވެ. މިމެޗުގައި ހަމަނުޖެހުން ދިމާވާން މެދުވެރީ ފުރަތަމަ ގޭމް ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ދިމާވި މައްސަލަ ހައްލުކުރެވޭތޯ ބައިބަލާ އެސޯސިއޭޝަންގެ މެމްބަރުންނާއި ރެފްރީން އަދި ގްރީންގެ އޮފިޝަލުންނާއި މެދު ދޮޅު ގަޑިއިރަށް ވުރެއް ގިނައިރު މަޝްވަރާކުރުމަށްފަހުވެސް މެޗު ކުރިޔަށް ނުގެންވުމުން ބައިބަލާ އެސޯސިއޭޝަނުން މިކަމާއި މެދު ގޮތެއް ނިންމަންދެން ސެމީ ފައިނަލުގެ ދެ މެޗާއި ފައިނަލް މެޗުވަނީ ފަސްކޮށްފައެވެ.