ވިޔަފާރި

މިދިޔަމަހު އެންމެ ގިނައިން އެތެރެކުރީ ތެލުގެ ބާވާތްތައް


މިދިޔަމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ތެރޭގައި އެންމެ ގިނައީ ތެލުގެ ބާވަތްތައްކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަމަހު ރާއްޖެއަށް ވަނީ 3.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. އޭގެ ތަފްސީލަށް ބަލާލާއިރު، ރާއްޖެއަށް މިދިޔަމަހު އެތެރެކުރި މުދަލުގެ ތެރެއިން 20 އިންސައްތައަކީ ތެލުގެ ބާވަތްތަކެވެ. އޭގެ ތެރޭގައި ޕެޓްރޯލާއި ޑީސަލާއި އޭވިއޭޝަން ގޭސް ހިމެނެއެވެ. އަދި މިތަކެތީގެ އަގު 713 މިލިއަން ރުފިޔާއަށް އަރައެވެ.

ތެލުގެ ބާވަތްތަކަށްފަހު ދެވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކާނާގެ ބާވަތްތަކެވެ. މިދިޔަމަހު އެތެރެކުރި މުދަލުގެ 18 އިންސައްތަ ކާނާގެ ބާވަތްތައް ޚިއްސާކުރާއިރު، އެތަކެތީގެ އަގު 659 މިލިއަން ރުފިޔާއަށް އަރައެވެ.

3 ވަނައަށް އެންމެ ގިނައިން މިދިޔަމަހު އެތެރެކޮށްފައިވަނީ މެޝިނަރީޒްއާއި މެކޭނިކަލް އެޕްލަޔަންސްއެވެ. ޖުމްލަ އިމްޕޯޓްގެ 15 އިންސައްތަ މިތަކެތި ޚިއްސާކުރާއިރު، އޭގެ އަގު 544 މިލިއަން ރުފިޔާއަށް އަރައެވެ.

ރާއްޖެއަށް އެތެރެކުރި އެހެން ބާވަތްތަކުގެ މުދަލަށް ބަލާލާއިރު، ދަގަނޑާއި ދަގަނޑާއި ގުޅޭ ބާވަތްތައް ޚިއްސާކުރަނީ އިމްޕޯޓުގެ 8 އިންސައްތައެވެ. ލަކުޑިއާއި އެއާގުޅޭ ބާވަތްތައް ޚިއްސާކުރަނީ 7 އިންސައްތައެވެ. އިންޑަސްޓްރިއަލް ކެމިކަލްގެ ބާވަތްތައް އިމްޕޯޓުގެ 5 އިންސައްތަ ޚިއްސާކުރާއިރު، އެކި ބާވަތުގެ އުޅަނދާއި އެއަރކްރާފްޓްތައްވެސް އިމްޕޯޓުގެ 5 އިންސައްތަ ޚިއްސާކުރެއެވެ.

ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކުރި ބާވަތްތަކަށް ބަލާލާއިރު، މުޅިންވެސް ހިމެނެނީ މަހުގެ ބާވަތްތަކެވެ. އޭގެ ތެރެއިން 32 އިންސައްތައަކީ ގަނޑުކުރި ކަޅުބިލަމަހެވެ. އޭގެ 74 މިލިއަން ރުފިޔާއަށް އަރައެވެ. ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ، އެކްސްޕޯޓުގެ 14 އިންސައްތަ ޚިއްސާކުރާ ގަނޑުކުރި ރީނދޫ އުރަހަ ކަންނެއްޏެވެ. އޭގެ އަގު 33 މިލިއަން ރުފިޔާއަށް އަރައެވެ. 3 ވަނަ އަށް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ އެކި ގޮތްގޮތަށް ޕެކެޓާއި ދަޅުގައި ބަންދުކުރި މަހެވެ. އެކްސްޕޯޓްގެ 12 އިންސައްތަ މިތަކެތި ޚިއްސާކުރާއިރު، އޭގެ އަގު 29 މިލިއަން ރުފިޔާއަށް އަރައެވެ.

ކަސްޓަމްސްއިން މަޢުލޫމާތުދޭ ގޮތުގައި އެކްސްޕޯޓް އަދި އިމްޕޯޓް އާމްދަނީގެ ގޮތުގައި މިދިޔަ މޭމަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މޭ މަހު ދައުލަތަށް 236 މިލިއަން ރުފިޔާ އެކްސްޕޯޓް އަދި އިމްޕޯޓުގެ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، މި އަހަރުގެ މޭ މަހު މި ޢަދަދުވަނީ 271 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.