ޚަބަރު

ކުރީގެ ނާއިބު ރައީސުންނަށް އިނާޔަތްދޭ ބިލު ބޭރުކޮށްލައިފި


ނާއިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތާއި ރައްކާތެރިަކން ދިނުމަށް މިިދޔަ މަޖިލީހުން ފާސްކުރި ބިލް މަޖިލހުން މިއަދު ބޭރުކޮށްލައިފިއެވެ.

މި ބިލް މަޖިލީހުން ބޭރުކޮށްލާފައިވަނީ މަޖްލީހުގައި މިއަދުގެ ޖަލްސާގައި ބައިވެރިވެޑާއިގެންނެވި 80 މެމްބަރުންގެ ތެރެއިން 74 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ބަލައިގަންނަން ފެންނަކަމަށް ވޯޓް ދެއްވީ 2 މެމްބަރުންނެވެ. އަދި ވަކިގޮތަކަށް ވޯޓް ދޭން ބޭނުންނުވާ ހަތަރު މެމްބަރުން ތިއްބެވިއެވެ.

ނާއިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށާއި، އައު ޤާނޫނު އަސާސީއާއެކު މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް ޢިނާޔަތް ލިބޭގޮތަށް މަޖިލީހުން ފާސްކުރި ބިލް ތަސްދީޤްނުކުރައްވާ ރައިސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އަނބުރައި ފޮނުއްވާލެއްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

މި ބިލަކީ 18 ވަނަ ރައްޔިތުން މަޖިލީހަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ހުށައެޅުއްވި ބިލެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ކުށްވެރިނުވެ އެމަޤާމު އަދާކުރެވި ކޮންމެ ބޭފުޅަކަށް މުސާރައިގެ ގޮތުގައި ދައުލަތުން 35،000 ރުފިޔާ ދިނުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމެން ކައިރިވެފައިވަނިކޮށް އޭޕްރީލް މަހުގެ ސަތާރަވަނަ ދުވަހެވެ.

މި ބިލްގައި ވަނީ ކުށްވެރިނުވެ ނާއިބު ރައީސްކަން އަދާކުރައްވައިފި ކޮންމެ މީހަކަށް ދައުލަތުން 35،000 ރުފިޔާ ދޭންޖެހޭނެކަމަށާ އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ސަލާމަތީ ޚިދުމަތް ފޯރުކޮށްދޭންވާނެކަމަށެވެ. އަދި އެމީހަކު އެދިއްޖެނަމަ މާލޭގައި އެއްގަމު ދަތުރުފަތުރުގެ ވަޞީލަތްތައް ދައުލަތުގެ ޚަރަދުގައި ސަލާމަތީ ޚިދުމަތްތަކުން ފޯރުކޮށްދޭންޖެހޭނެކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން ޑިޕްލޮމެޓިކް ޕާސްޕޯޓާއި، ވީ.އައި.ޕީގެ ޚިދުމަތްވެސް ދައުލަތުން ފޯރުކޮށްދޭންވާނެކަމަށް ބިލުގައި ބުނެފައިވެއެވެ.

ނާއިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށާއި، ފަނޑިޔާރުންނަށް އިމްތިޔާޒްއާއި އިނާޔަތް ލިބޭގޮތަށް ހުށައަޅާ ފާސްކުރި އިޞްލާޙުތަކާއި ގުޅިގެން ގިނަ ބައެއްގެ ފަޑުކިއުންތައް މަޖިލީހަށް އަމާޒުވެގެންދިޔައެވެ.

މި ބިލު ބިލުފާސްވިނަމަ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި ނާއިބު ރައިސްކަން ކުރެއްވި މުހައްމަދު ވަހީދުއްދީނާއި ނިމިިދޔަ ސަރުކާރުގައި ނާއިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އަހުމަދު އަދީބުގެ އިތުރުން ޑރ. އަބްދުﷲ ޖިހާދަށް އިނާޔަތް ލިބިވަޑައިގަންނަވާނެއެވެ.